ބޭރުދުނިޔެ

އަލްޖީރިއާގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވަން އުޅުނު އެކަކު މަރުވެއްޖެ

އަލްޖީރިއާގެ އުތުރުގެ ސަރަހައްދުތަކުގައި ރޯވެފައިވާ ވަރުގަދަ ޖަންގަލީގެ އަލިފާންގަނޑުތައް ނިއްވުމުގެ މަސައްކަތުގައި އުޅުނު މުނިސިޕަލްޓީގެ މުވައްޒަފަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުދަ ދުވަހު ރިޕޯޓްކޮށްފިއެވެ.

އަލްޖީރިއާގެ ސެޓިފް ޕްރޮވިންސްގެ ބަނީ މޫހްލީގެ މޭޔަރާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި، މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއެކު އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެހީތެރިވަމުން ދަނިކޮށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މަރުގެ ހާދިސާ އެ ގައުމުގެ ސިވިލް ޑިފެންސް އިން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ވަރަށް ބޮޑަށް ފިހިފައިވާ މީހަކު ހެލިކޮޕްޓަރުގައި އެ ސަރަހައްދުން ގެންދެވުނު ކަމަށް އަންގާރަ ދުވަހުގެ ރޭ އެ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް އެއީ ކާކުކަމެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

އުތުރު އެފްރިކާގެ މި ގައުމުގައި ހޫނުގަދަވުމުގެ ސަބަބުން ރޯވެފައިވާ މި އަލިފާންގަނޑުތައް ނިއްވުމަށް ދަނީ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި ހާދިސާތަކުގައި މިހާތަނަށް އަނދައި ހުލިވީ ކިހާ ވަރެއްގެ ބިމެއް ކަމެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވި ދުވަސްތަކުގައި މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައި ހިމެނޭ އެހެން ގައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި އިޓަލީގައި ވެސް ވަނީ މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާ ކުރިމަތިލާން ޖެހިފައެވެ.

އަލްޖީރިއާގެ ސިވިލް ޑިފެންސް އިން ބުދަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުގެ އެކި ސަރަހައްދުތަކުން 140 އެއްހާ އަލިފާނުގެ ހާދިސާ ރިޕޯޓްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ އަލިފާންގަނޑުތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އަލްޖީރިއާގެ އުތުރުގެ ސަރަހައްދުތަކުގައި ހޫނު މޫސުމުގައި ޖަންގަލީގައި އަލިފާން ރޯވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ހަނަފަސްކަމާއި ހޫނު ރާޅުތަކުގެ ސަބަބުން މިފަދަ ހާދިސާތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރަށް ނުރައްކާވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close