އަލްޖީރިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ސައުދީ އަރަބިއްޔާއިން ތައުޒިޔާ ފޮނުވައިފި

އަލްޖީރިއާގެ ބޫމަރްދޭސް ޕްރޮވިންސްގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، ސައުދީ އަރަބިއްޔާއިން އެ ގައުމަށް ތައުޒިޔާ ފޮނުވައިފިއެވެ.
އަލްޖީރިއާގެ ހެލްތު މިނިސްޓަރާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި ބަސް ފުން ވާދީއަކަށް ފުރޮޅާލައިގެން ހިނގި މި ހާދިސާގައި މަދުވެގެން 27 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ސައުދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން އަލްޖީރިއާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާއާއި ހަމްދަރުދީ ފޮނުވާފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި ސައުދީ އަރަބިއްޔާ އޮތީ އަލްޖީރިއާއާ އެކުކަން ހާމަކޮށް، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މީގެ އިތުރުން، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އަލްޖީރިއާގެ ރައީސް ޢަބްދުލްމަޖީދު ތަބޫންއަށް ވަކިވަކިން ތައުޒިޔާގެ މެސެޖު ފޮނުއްވާފައެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ބޭފުޅުންގެ މެސެޖުގައި ރައީސް ތަބޫންއަށާއި، މަރުވި މީހުންގެ އާއިލާތަކުގެ އިތުރުން އަލްޖީރިއާގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

