20 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހަކު އޭނާއަކީ އޯޓިޒަމް ހުންނަ މީހެއް ކަމަށް ކޯޓުގައި ބުނެފި

ފާއިތުވި މޭ މަހުގެ ކުރިއަށްގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި 20 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނަކީ އޯޓިޒަމް ހުންނަ މީހެއް ކަމަށާއި، އެހެންކަމުން އޭނާގެ ނަފްސާނީ އެސެސްމަންޓެއް ހަދައިދިނުމަށް އެދި ކްރިމިނަލް ކޯޓުގައި އޭނާގެ ފަރާތުން މިއަދު އިލްތިމާސްކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބަންދުގައި ހުރި ލ. ކަލައިދޫ، ހިޔާވަހި، އަބްދުއްލާ ރާއިފް (27އ) ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާދީފައެވެ. ބަންދުގެ މަޖިލީހުގައި ރާއިފްގެ ދިފާއުގައި ބުނެފައިވަނީ އޭނާއަކީ ކުޑައިރުއްސުރެ އޯޓިޒަމްއަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށާއި، މިހާތަނަށް އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ހަދާފައިނުވާތީ އެކަން ކޮށްދިނުމަށް އެދޭ ކަމަށެވެ.
އޭނާގެ ފަރާތުން ފާހަގަކުރި މި ނުކުތާތަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ވަނީ ރާއިފްގެ ނަފްސާނީ އެސެސްމަންޓް ކަންކަން ބަލައި، އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަހުގީގު ކުރާ ފަރާތްތަކަށް އަމުރުކޮށްފައެވެ. ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާންތައް ހިމެނޭއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުރި ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
މިދިޔަ މޭ މަހުގެ 5 ވަނަ ދުވަހު ފުލުހުން ހިންގި މި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަކީ ރާއްޖެ އައި ފްލައިޓަކުން އެތެރެކުރި 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތުމާ ގުޅިގެން ހިންގި ހާއްސަ ހަރަކާތެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އިތުރު 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި ބޮޑު މަސްތުވާތަކެތީގެ މައްސަލައިގައި ރާއިފްގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ބިދޭސީއަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 43 އަހަރުގެ އެމްޑީ ޖޯޝިމް އުއްޑިން އާއި 32 އަހަރުގެ މަމުން ދަލި ކަމަށްވާއިރު، އެ ދެ މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބަންދުގައެވެ.

