ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ރައީސް ހުޅުއްވައިދެއްވައިފަ
ނ.މިލަދޫ ހިދާޔާ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާޞަބަތުގައި ތައްޔާރުކުރި އެ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުޅުއްވައިދެއްވައިފިއެވެ. އެ ބިނާ ރައީސް ހުޅުއްވައިދެއްވީ ނ.އަތޮޅުގެ ދެރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައެވެ.
ހިދާޔާ ސްކޫލްގެ ހަނދާނީ ބިނާ ހުޅުއްވައިދެއްވުމަށްފަހު ރައީސްވަނީ އެ ސްކޫލަށް 50 އަހަރުފުރުނު ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހަމަ އެރަށުގައި ރައީސުލްޖުމްހުރިއްޔާ ވަނީ އެއަތޮޅު މަގޫދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ ކަންކަމާގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައި މަޢުލޫމާތު އޮޅުން ފިލުއްވައިފައެވެ.
މިލަދުއަށް ވަޑައިގެންނެވުމަށް ފަހު ދެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ނ. ކުޑަފަރިއަށެވެ. ކުޑަފަރީގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ހަމަ އެރަށުގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ނ އަތޮޅުގެ އަތޮޅު ކައުންސިލަރުންނާވެސް ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރީއްޔާ މިލަދުއާ ކުޑަފަރީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންނެވީ މިއަދު ހެނދުނެވެ.



