
ފުޓްބޯޅައިގެ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ދެ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި މުހައްމަދު ސަލާހުގެ ފަހު ވޯލްޑް ކަޕްގެ ދަތުރު ކުރިއަށްދާނީ މީގެއިން ހަމައެކަނި އެކަކަށް ކަން ކަށަވަރުވާ މުހިންމު މެޗުގައި، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައަކަށްޓަކައި އާޖެންޓީނާ އާއި މިޞްރު މިރޭ ބައްދަލުކުރާނެއެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ ގިނަ ތަރިންތަކެއްގެ “ފަހު ފެނިލުން” ކަމަށް ބެލެވޭއިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން މެސީ ހުރީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތް ގޯލް ޖަހައި ވަރަށް ވަރުގަދަ ފޯމެއްގައެވެ. ނަމަވެސް ގަދަ 32 ގެ ބުރުގައި ކޭޕް ވާޑް އަތުން ކިރިޔާ ސަލާމަތްވި އާޖެންޓީނާގެ ފަހަތުން ފެނުނު ބަލިކަށިކަމުގެ ފައިދާ ނެގުމަށް، މިޞްރުގެ ކެޕްޓަން މުހައްމަދު ސަލާހު ހުރީ ތައްޔާރަށެވެ.
މިޞްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ނޮކްއައުޓް މެޗަކުން މޮޅުވި ކެޕްޓަނުގެ ޝަރަފް ސަލާހު ހޯދާފައިވަނީ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ދެއްކި ހިތްވަރާ އެކުގައެވެ. އެހެންނަމަވެސް އެ މެޗުގައި އޮސްޓްރޭލިއާގެ ޑިފެންޑަރުން ސަލާހު މަާކުކޮށްގެން ކުޅުމުގެ ސަބަބުން އޭނާއަށް މެޗުގައި މާބޮޑު ނުފޫޒެއް ނުފޯރުވުނުއިރު، މިރޭގެ މެޗުގައި އާޖެންޓީނާ ސިއްސުވާލަން ބޭނުންނަމަ ސަލާހު އޭނާގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހެއެވެ.
ބޮޑެތި މުބާރާތްތަކުގެ ފައިނަލް މެޗުތަކުގައި ސަލާހުގެ ރެކޯޑް ދައްކާ ގޮތުން 11 މެޗުން އޭނާއަށް ޖެހިފައިވަނީ އެންމެ ދެ ގޯލެވެ. މިއާ ޚިލާފަށް މެސީ އަކީ ދަނޑުގެ މެދުތެރެއަށް ފައިބައި، ކުޅުން ހަލުވިކޮށް، އަމިއްލައަށް ޖާގަ ހަދައިގެން ކުޅޭ ކުޅުންތެރިއަކަށް ވުމުން، ސަލާހުވެސް ހަމައެކަނި ކަނާތްފަރާތު އަރިމައްޗަށް ބަރޯސާނުވެ، މެސީ ފަދައިން މުޅި ދަނޑަށް ކުޅުން ބަދަލުކުރަން ޖެހޭ ކަމަށް މާހިރުން ދެކެއެވެ.
އިނގިރޭސި ޕްރެމިއާ ލީގުގެ ބޮޑެތި ކްލަބުތަކާ ދެކޮޅަށް ސަލާހު ދައްކާފައިވާ މޮޅު ކުޅުމާއި ޗެމްޕިއަންސް ލީގުގައި އޭނާ ހަދާފައިވާ ރެކޯޑްތަކަށް ބަލާއިރު، މިއީ އޭނާއަށް ނުކުރެވޭނެ ކަމެއް ނޫނެވެ. މިރޭގެ މެޗަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ކުރިމަތިލުމަކަށް ވާއިރު، މުޅި ދުނިޔޭގެ ސަމާލުކަން ހުރީ މި ފޯރިގަދަ ކުރިމަތިލުމުން ކުރިހޯދާނީ ކޮން ގައުމެއްތޯ ބެލުމަށެވެ.
