މުނިފޫހި

ސަލްމާން ޚާނަކީ ކަލެއް ނޫން، އަހަރެން ނުހުއްޓުވޭނެ: “ކާލާ ހީރަން” ގެ ޑައިރެކްޓަރު ރައްދުދީފި

ބޮލީވުޑްގެ ސުޕަރސްޓާރ ސަލްމާން ޚާންގެ ގާނޫނީ ޓީމުން “ކާލާ ހީރަން: ބެޓްލް އޮފް ލެގަސީ” ފިލްމުގެ އުފެއްދުންތެރިންނަށް ފޮނުވި ގާނޫނީ ނޯޓިހާ ގުޅިގެން، އެ ފިލްމުގެ ޑައިރެކްޓަރު ބާރަތު އެސް ޝްރިނާތު ސަލްމާނަށް ވަރުގަދަ ރައްދެއް ދީފިއެވެ.

މި ފިލްމުގެ މައިގަނޑު ކެރެކްޓަރާއި ސަލްމާން ޚާނާ ދެމެދު ވައްތަރުގޮތްތަކެއް ހުރި ކަމަށް ބުނެ ފޮނުވި މި ނޯޓިހާ ގުޅިގެން ޑައިރެކްޓަރު ބުނީ ސަލްމާނަކީ ކަލެއް ނޫން ކަމަށާއި، އޭނާއަށް ފިލްމު ހުއްޓުވައި ނުލެވޭނެ ކަމަށެވެ. އަދި އޭނާގެ ކެރިއަރު ހަލާކުކޮށްލުމުގެ ބާރުވެސް ސަލްމާނަށް ލިބިގެން ނުވާ ކަމަށް ޑައިރެކްޓަރު ޝްރިނާތު ހަރުކަށި އިބާރާތުން ބުނެފައިވެއެވެ.

މި މައްސަލަ ބޮޑުވީ ފިލްމުގެ ފުރަތަމަ ޕޯސްޓަރުތައް ދައްކާލުމާއެކު، އޭގެއިން ފެންނަ މައިގަނޑު އެކްޓަރު ސަލްމާން ޚާނާ ނުހަނު ވައްތަރުވުމުންނެވެ. ޚާއްޞަކޮށް ސަލްމާން އަބަދުވެސް އަޅައިގެން އުޅޭ މަޝްހޫރު އަތްލާ ބުރޭސްލެޓް ފިލްމުގެ ކެރެކްޓާގެ އަތުން ފެންނަން ހުރުމުން، މިއީ ސަލްމާންގެ ކަޅުފުލަފި (ބްލެކްބަކް) ޝިކާރަކުރި މައްސަލައަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ. ނަމަވެސް ޑައިރެކްޓަރު ވަނީ އެ ބުރޭސްލެޓަކީ ސަލްމާން ޕޭޓަންޓް ކޮށްފައިވާ އެއްޗެއް ނޫން ކަމަށާއި، ބޭނުން ކޮންމެ މީހަކަށްވެސް އެ ބޭނުން ކުރެވޭނެ ކަމަށް ބުނެފައެވެ.

ފިލްމުގެ ބަތަލު ސަލްމާނާ ވައްތަރުވަނީ އެއްވެސް ކަހަލަ ޕްރޮސްތެޓިކް މޭކަޕެއް ބޭނުންކޮށްގެން ނޫން ކަމަށާއި، އެއީ ގދުރަތީ ގޮތުން ވައްތަރުވުން ކަމަށްވެސް އުފެއްދުންތެރިން ބުނެއެވެ. އެހެންކަމުން މީހަކު ހުންނަ ސިފަ ބަދަލު ނުކުރެވޭނެ ކަމަށާއި، މި ފިލްމަކީ ސަލްމާންގެ ދިރިއުޅުމުގެ މައްޗަށް ހަދާފައިވާ ފިލްމެއް ނޫން ކަމަށް ޑައިރެކްޓަރު ތަކުރާރުކޮށް ޔަގީންކޮށްދެއެވެ. އަދި ފިލްމާ މެދު ގޮތް ނިންމަންވާނީ ބެލުންތެރިން ފިލްމު ބެލުމަށްފަހު ކަމަށްވެސް އޭނާ ބުންޏެވެ.

އަހަރުތަކެއްގެ ދިރާސާއާއި ބުރަ މަސައްކަތުން އުފައްދަމުންދާ ފިލްމަކަށް ކުއްލިއަކަށް ގާނޫނީ ނޯޓިސް ފޮނުވައި ހުރަސްއެޅުމުން ދެރަވާ ކަމަށް ޝްރިނާތު ހާމަކުރިއެވެ. މި ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީ ވެސް ވަނީ މިއީ ސަލްމާނާ ގުޅުންހުރި ފިލްމެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް މި ފިލްމުގައި މަސައްކަތްކުރި ސީނިއާ އެކްޓަރު ގޯވިންދު ނަމްދޭވް ވަނީ، ސަލްމާނަށް އަމާޒުކޮށް ހަދާ ފިލްމެއްކަން އެނގުމުން، ޕްރޮޑިއުސަރުން އޭނާއަށް އޮޅުވާލާފައިވާ ކަމަށް ބުނެ ފިލްމާ ދުރަށް ޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close