އީރާނުން އާންމުކޮށްފައިވާ އެއްބަސްވުމުގެ މައުލޫމާތުތަކަކީ ދޮގެއް – ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ، އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން އީރާނުން އާންމުކުރި ވާހަކަތަކަކީ، ދެ ގައުމުގެ ދެމެދުގައި ލިޔުމުން އެއްބަސްވެފައިވާ ކަންކަމާ ދިމާވާ ހަގީގީ މައުލޫމާތެއް ނޫން ކަމަށެވެ.
“އެއްބަސްވުމެއް އޮތް ކަމަށް ބުނެ އެމީހުން ދައްކާ ނިކަމެތި އަދި ބަލިކަށި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އެއީ މުއާމަލާތް ކުރަން ވަރަށް އިތުބާރު ކުޑަ ބައެއް. އެމީހުންނާއެކު އިޚުލާސްތެރިކަމާއެކު ކަންކަން ނިންމުމަކީ ވާނެ ކަމެއް ނޫން. ހައިރާންވާ ފަދަ ކަމެއް!” ޓްރޫތު ސޯޝަލްގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.
އަދި އީރާނުން އެ ގައުމުގެ ކަންކަން ވަރަށް އަވަހަށް އިސްލާހު ކުރަންޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވިފައިވާތީ، އެ ގައުމަށް ދޭން އުޅުނު އައު ހަމަލާތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
ނަމަވެސް، އީރާނުގެ އޮފިޝަލުން ހުކުރު ދުވަހު ހާމަކުރި އެއްބަސްވުމުގެ ތަފްސީލުތަކަށް ބަލާއިރު، މިއީ އީރާނުން މިހާތަނަށް ބޭނުންވި ގިނަ ކަންތައްތަކެއް ފުރިހަމަވާ ގޮތަށް އޮތް އެއްބަސްވުމެކެވެ. މީގެ ބަދަލުގައި ޓްރަމްޕް ބޭނުންފުޅުވި ކަންކަމުގެ ތެރެއިން އޭނާއަށް ލިބިވަޑައިގަތީ ވަރަށް މަދު ކަމެކެވެ. އެއީ ފެބުރުވަރީ މަހު އޭނާ ހަމަލާ ދިނުމަށް އަމުރުކުރުމާ ގުޅިގެން އީރާނުން ބަންދުކުރި ‘ސްޓްރެއިޓް އޮފް ހޯމުޒް’ (ހޯމުޒް ކަނޑުއޮޅި) އަލުން ހުޅުވައިލުން އެކަންޏެވެ.
އީރާނުގެ އިސް މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، އެއްބަސްވުމުގެ ދަށުން އީރާނުގެ ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ފްރީޒްކޮށްފައިވާ އެތައް ބިލިއަން ޑޮލަރެއް ދޫކޮށްލަން ޖެހެއެވެ. އަދި ލުބުނާނު ހިމެނޭ ގޮތަށް ހުރިހާ ދިމާއަކުން ހަމަލާ ބަދަލުކުރުން ހުއްޓާލަން ޖެހެއެވެ.
ނިއުކްލިއާ މައްސަލަތައް މަޑުޖައްސާލާފައިވަނީ ފަހުން މަޝްވަރާ ކުރުމަށެވެ. ވޮޝިންގޓަނުން ބޭނުންވަނީ އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނެ ކަމުގެ ޔަގީންކަމެވެ. ނަމަވެސް އީރާނުން ބުނަނީ އެފަދަ ހަތިޔާރެއް އުފައްދަން އެ ގައުމުން މަސައްކަތް ނުކުރާ ކަމަށެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އީރާނުގެ މުދާތައް ދޫކޮށްލުމާއި، ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަކީ އީރާނުގެ އެންމެ މުހިންމު ޝަރުތުތަކެވެ. ނަމަވެސް، މީގެ ބަދަލުގައި އީރާނުން ދޭނީ ކޮން އެއްޗެއް ނުވަތަ ކުރާނީ ކޮން ކަމެއް ކަމެއް އެ މަސްދަރުން ހާމައެއް ނުކުރެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ހުކުރު ދުވަހު ބުނި ގޮތުގައި، އެއްބަސްވުމުގެ ދަށުން ސްޓްރެޓީޖިކް ގޮތުން މުހިންމު ހޯމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ދޫކޮށްނުލާނެއެވެ.
“މި އެއްބަސްވުމުގެ ދަށުން ކަނޑުއޮޅި ބެލެހެއްޓުން ދޫކޮށްލުމަކަށް ނުވަތަ އެމެރިކާއާއި އިސްރާއީލުގެ އުދުވާނުގެ ކުރިން ކަންކަން އޮތް ގޮތަށް ބަދަލުކުރުމަކަށް އީރާނުން އެއްބަސްވެފައެއް ނުވޭ،” އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީ ކަމަށްވާ ‘އިރްނާ’ އިން ރިޕޯޓުކޮށްފައިވެއެވެ.
ދުނިޔޭގެ މުދާ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުގެ ދަށަށް ގޮސްފައިވަނީ، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލާއެކު ހަނގުރާމަ ފެށުނު ފަހުންނެވެ.
އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދެނީ ވަރަށް މަދު އުޅަނދުފަހަރަކަށް ކަމަށްވާއިރު، އީރާނުން ބާރުއަޅަމުންދަނީ އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކުންވެސް އެ ގައުމުގެ އަސްކަރިއްޔާގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.


