ބޭރުދުނިޔެ

މުޖާހިދުންގެ އަތްދަށުގައި ހުރި އިސްރާއީލް ސިފައިންގެ ރަހީނަކު މަރުވެއްޖެ

ފަލަސްތީނުގެ ހަމާސްޖަމާޢަތުގެ އަތްދަށުގައި ރަހީނު ކޮށްފައި ހުރި އިސްރާއީލް ސިފައިންގެ ޒުވާނަކު މަރުވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާގެ ސާޖެންޓް އިޓޭ ޗެން އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި ހަމާސް އިން ރަހީނު ކުރި މީހެކެވެ. އޭނާ އަކީ އިސްރާއީލު- އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ.

އިސްރާއީލުން ވަނީ ސާޖެންޓް އިޓޭ ޗެން މަރުވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ސާޖެންޓް ޗެން އަކީ އުމުރުން 19 އަހަރުގެ ޒުވާނެއް ކަމަށާއި، އޭނާ އަސްކަރީ ހިދުމަތް އަދާ ކުރަމުން ދިޔައީ އިސްރާއީލުގެ އަސްކަރިއްޔާގެ 75 ވަނަ ބެޓޭލިއަންގެ 7 ވަނަ އާމް ބުރިގޭޑްގައި ކަަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

އޭނާ މަރުވެފައިވަނީ ހަމާސްގެ ބެލުމުގެ ދަށުގައި އަސީރެއްގެ ގޮތުގައި ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. އަދި އޭނާގެ ފުރާނަ ނެތް ހަށިގަނޑު ހަމާސް އިން މިހާރުވެސް ރަހީނު ކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

ނަމަވެސް ހަމާސް އިން ބުނެފައިވަނީ އެއްވެސް އަސީރަކަށް އެ ޖަމާއަތުން ހަމަލާ ދީފައި ނުވާނެ ކަމަށާއި އަސީރުންތައް މަރުވަނީ އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާ އިން ދޭ ހަމަލާތަކުގައި ކަމަށެވެ.

އިސްރާއީލުން ދަނީ ފަލަސްތީނުގެ ޣައްޒާ އަށް އެއްވެސް ހަމައެއް ލަމައެއްނެތި ހަމަލާތައް ދެމުންނެވެ. އެ ގޮތުން އަންހެނުންނާއި ކުޑަކުދިންނަށް ވެސް އެއްވެސް ރަހުމެއް ނެތި ޔަހޫދީންގެ އަނިޔާވެރި ސިފައިން ދަނީ ހަމަލާތައް ދެމުންނެވެ. މާތް ވެގެންވާ ރަމަޟާން މަސް ފެށުނު އިރު ޔަހޫދީން ވަނީ ޣައްޒާ އަށް އެއްގަމު މަގުން އެހީ ވެއްދުމަށް ހުރަސް އަޅާފައެވެ.

ހަމާސްއިން އޮކްޓޯބަރު މަހުގެ 7 ވަނަދުވަހު އިސްރާއީލަށް ދިން ހަމަލާތަކަށްފަހު 200 އަށްވުރެ ގިނަމީހުން ވަނީ ރަހީނުކޮށްފައެވ.ެ އޭގެ ތެރޭގައި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންވެސް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close