ޚަބަރު

ދުނިޔޭގެ މަސްރަހުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އެއާޕޯޓް ފީގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބޯޑުތަނުން މަދުވެ، މިއަހަރުގެ އޭޕްރީލް މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 13 އިންސައްތަ ދަށަށް ގޮސް، އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރަން ފަށައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތަށް މި ލޮޅުން އައީ 2025 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މިއަހަރުގެ މާޗް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 19.8 އިންސައްތަ ދަށަށް ދިއުމާ ގުޅިގެންނެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 174.9 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 152.0 މިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 22.9 މިލިއަން ރުފިޔާގެ މަދުވުމެކެވެ. މިއަހަރުގެ އޭޕްރީލް މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 5.8 އިންސައްތަ އެއާޕޯޓް ފީ ހިއްސާކުރާއިރު، ބޭރު ފައިސާއިން ލިބުނު އާމްދަނީގެ ތެރެއިން 10 މިލިއަން ޑޮލަރު ހިއްސާކުރަނީ ވެސް މި ފީއެވެ.

ޓޫރިސްޓުން އައުން މަދުވުމުގެ ހިޔަނި އެއާޕޯޓް ފީގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކަށް ވެސް ވަނީ ފޯރާފައެވެ. އެގޮތުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސްގެ ގޮތުގައި ވޭތުވެދިޔަ އަހަރު ލިބުނު 177.9 މިލިއަން ރުފިޔާ މިއަހަރު ވަނީ 152.0 މިލިއަނަށް ވެއްޓިފައެވެ. މީގެ އިތުރުން ތިމާވެށީގެ ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 185.3 މިލިއަން ރުފިޔާ 185.0 މިލިއަނަށް ދަށަށް ގޮސްފައިވާއިރު، ފަތުރުވެރިކަމުގެ ޖީއެސްޓީ (ޓީ-ޖީއެސްޓީ) އަށް ލިބުނު އާމްދަނީއަށް ވެސް ވަނީ މި ބަދަލުގެ އަސަރުކޮށްފައެވެ.

ފަތުރުވެރިކަމުގެ ބައެއް ޓެކްސްތަކުން ލިބުނު އާމްދަނީ ދަށަށް ދިޔަ ނަމަވެސް، އޭޕްރީލް މަހު މީރާއަށް ޖުމްލަ 2.63 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ. މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ވަރަށް ވުރެ 16.6 އިންސައްތަ އިތުރު އަދަދެކެވެ. މި ކުރިއެރުން ލިބުނީ އާންމު ޖީއެސްޓީ އާއި، ރިސޯޓުތަކުގެ ބިމު ކުލީގެ އިތުރުން ވޯކް ޕާމިޓް ފީގެ ގޮތުގައި އުންމީދު ކުރިވަރަށް ވުރެ ގިނައިން ފައިސާ ލިބުމުންނާއި، ދައުލަތަށް ނުލިބި ހުރި ބާކީ ފައިސާ ހޯދުމަށް މީރާއިން ކުރި ހާއްސަ މަސައްކަތްތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް، މިއަހަރުގެ އޭޕްރީލް މަހުގެ ޖުމްލަ އާމްދަނީއަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު އަދިވެސް 0.3 އިންސައްތަ ދަށް އަދަދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close