ހުއްދަ ނެތި ރާއްޖެއަށް ވަން ބޭރުގެ ދެ ބޯޓެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ހުއްދަ ނުނަގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ދެ ބޯޓެއްގެ މައްސަލަ ކަމާބެހޭ އިދާރާތައް ގުޅިގެން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މެރިޓައިމް ގާނޫނުގެ ދަށުން އެ ބޯޓުތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމުންވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލަ ބަލަމުންދަނީ އެމްއެންޑީއެފް، ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ. ބޯޓުތައް ރާއްޖޭގެ ސަރަހައްދަށް ވަން ސަބަބު އަދި ސާފުނުވި ނަމަވެސް، އެ އުޅަނދުތަކުން ނުރައްކާތެރި އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެވިކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވުމުން އެތަން ބެލެހެއްޓުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. މިގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

