ސިފައިންނަކީ ރައްޔިތުންގެ ހިމާޔަތުގައި އޮތް އެންމެ ބިޔަ ލަޝްކަރު: ރައީސް މުއިއްޒު

ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރަކީ ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ސިފައިންގެ 132 އަހަރުވީ ޚިދުމަތުގެ ތާރީޚަކީ ޝަހީދުންނާއި މުޖާހިދުންގެ ހިތްވަރުގަދަ ޖިހާދުތަކުން ރަންއަކުރުން ފަވައިލެވިފައިވާ ފަޚުރުވެރި ތާރީޚެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ ސިފައިން ގައުމަށްޓަކައި ކުރާ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
1892 އެޕްރީލް 21 ގައި ރަސްމީކޮށް ސިފައިންގެ ޚިދުމަތް ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ފަތިހު ވަނީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އަންނަ މަހުގެ 2 ވަނަ ދުވަހު މާލޭގައި އަސްކަރީ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ޚިދުމަތުގައި ފާހަގަކޮށްލެވޭ ސިފައިންނަށް ހިތްވަރު ދިނުމާއި، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެއެވެ.

