ތިން ވޯޓެއް އެއްފަހަރާ: ކައުންސިލް އިންތިޚާބާއި ޚިޔާލު ހޯދުމުގެ ވޯޓުލުން ފަށައިފި

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިއަދަކީ ތަފާތު ދުވަހެކެވެ. ރައްޔިތުން މިއަދު ނުކުމެ ތިން ވޯޓެއް އެއްފަހަރާ ލަމުންދާއިރު، އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމާމެދު ގޮތެއް ނިންމުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ހިމެނެއެވެ. މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށިގެން ދިޔަ ނަމަވެސް، ފުރަތަމަ ގަޑިތަކުގައި މަރުކަޒުތަކުގެ ކިއޫތަކުގައި މީހުން އުޅުނީ މަދުކޮށެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މި ފަހަރުގެ އިންތިޚާބުތަކުގައި ޖުމްލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ. ކައުންސިލް ގޮނޑިތަކަށް 1,593 ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، އަންހެނުންގެ ކޮމިޓީތަކަށް 1,368 ކެންޑިޑޭޓުން ވަނީ ނުކުމެފައެވެ. ޕާޓީތަކަށް ބަލާއިރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެ ޕާޓީގެ 1,322 ކެންޑިޑޭޓުން ވާދަކުރާއިރު، ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވާ އިދިކޮޅު އެމްޑީޕީން 905 ކެންޑިޑޭޓުން ވާދަކުރެއެވެ. އަމިއްލަ ގޮތުން 645 ބޭފުޅުން ވާދަކުރައްވާއިރު، އެމްޑީއޭ އިން 57، ޖޭޕީން 15، އަދާލަތުން 9 އަދި ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން ނެރެފައިވެއެވެ.
މި ބޮޑު އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. ނޮވެލްޓީ ޕްރިންޓަރސްއާ ހަވާލުކޮށްގެން 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާއިރު، މީގެ ތެރޭގައި ކައުންސިލަށް 297,959، އަންހެނުންގެ ކޮމިޓީއަށް 292,706 އަދި ޚިޔާލު ހޯދުމުގެ ވޯޓަށް 298,180 ކަރުދާސް ހިމެނެއެވެ. ވޯޓުލުމަށް މުޅި ރާއްޖޭގައި 588 މަރުކަޒު ގާއިމުކޮށްފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުގައި 347 މަރުކަޒު ވަނީ ހަމަޖައްސާފައެވެ. އޮޅުން ނާރާނެހެން ކޮންމެ ވޯޓަކަށް ވަކި ފޮއްޓެއް ހުރެއެވެ. އެގޮތުން ޚިޔާލު ހޯދުމުގެ ވޯޓުލާނީ ހުދު ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. ކައުންސިލް ވޯޓަށް ނޫ ކުލަ އަދި އަންހެނުންގެ ކޮމިޓީގެ ވޯޓަށް ފެހި ކުލައިގެ ލޭބަލް ވަނީ ހާއްސަކޮށްފައެވެ.
ވޯޓުލުމުގެ ހައްގު އަދާކުރާ މީހުންނަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވާ ގޮތުގައި، މަރުކަޒަށް ހާޒިރުވާ މީހަކު ތިން ވޯޓު އެއްކޮށް ލާކަށް މަޖުބޫރެއް ނޫނެވެ. ބޭނުންވާ ވަކި އިންތިޚާބެއް އިޚުތިޔާރުކުރުމުގެ ހައްގު އޮންނާނެއެވެ. ނަމަވެސް، ކޮންމެވެސް އެއް ވޯޓެއް ނުލާ ދޫކޮށްލަން ބޭނުންނަމަ، އެކަން ވޯޓުލާ މަރުކަޒުގައި ތިބޭ އޮބްޒާވަރުންނަށް އެނގޭނެހެން ހާމަކުރަންޖެހެއެވެ. މި އުސޫލު ހަމަޖައްސާފައިވަނީ މުޅި ޕްރޮސެސް ދެފުށް ފެންނަ، އިންސާފުވެރި އަދި އިތުބާރު ހިފޭ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މަޤުސަދުގައެވެ.
