މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އެބަ އަދާކުރަން – ޕާކިސްތާނުގެ ބޮޑުވަޒީރު

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރު މިއަދު ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާކަން ފުރަތަމަ ފަހަރަށް ރަސްމީކޮށް ކަށަވަރުކޮށްދެއްވާފައެވެ.
އިސްޙާޤް ދާރު ‘އެކްސް’ ގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ސުލްހައިގެ ވާހަކަތަކާ ގުޅޭގޮތުން މީޑިއާގައި ކުށް ހީތަކެއް ފެތުރެމުންދިޔަ ނަމަވެސް، ހަގީގަތަކީ ޕާކިސްތާން މެދުވެރިކޮށް ދެގައުމުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރެވެމުންދާ ކަމަށެވެ. އަދި އެމެރިކާއިން އީރާނަށް 15 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި، އީރާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު އެ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތުރުކީއާއި މިޞްރު ފަދަ ގައުމުތަކުންވެސް މި މަސައްކަތަށް އެއްބާރުލުން ދެމުންދާކަން ފާހަގަކުރައްވައި، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގައި ޕާކިސްތާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ކޮންމެ މައްސަލައަކަށްވެސް އޮތް ހަމައެކަނި ހައްލަކީ މަޝްވަރާއާއި ސުލްހަވެރިކަމުގެ މަގު އިޚްތިޔާރުކުރުން ކަމަށެވެ.
މިއީ ފެބުރުވަރީ 28 ގައި ހަމަނުޖެހުންތައް ފެށުނު ފަހުން، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މުއާސަލާތީ ގުޅުން ބަދަލުކުރުމުގައި އިސްލާމްއާބާދުން ދައުރެއް އަދާކުރާކަން ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ. ޕާކިސްތާނުގެ އިސް ދެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެއްވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހެޅި 15 ނުކުތާ އީރާނާ ހަމައަށް ފޯރުކޮށްދީފައިވަނީ ޕާކިސްތާނުގެ މެދުވެރިންނެވެ.
އީރާނާއެކު އޮންނަ އަވަށްޓެރި ގާތް ގުޅުމުގެ އިތުރުން، އެމެރިކާއާއި ގަލްފުގެ ގައުމުތަކާއެކު އޮންނަ ގުޅުމުގެ ސަބަބުން، ޕާކިސްތާން މިވަނީ މި މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވެފައެވެ. ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުން ދަނީ ދެ ފަރާތާއެކުވެސް ސީދާ ގުޅުން ބާއްވަމުންނެވެ. އަދި މި މަޝްވަރާތައް ޕާކިސްތާނުގައި ބޭއްވުމުގެ ފުރުސަތު އޮތްކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް އާސިމް މުނީރުވެސް މި ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، ދާދިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މަޝްވަރާކުރައްވާފައިވާ ކަމަށްވެސް އިސް އޮފިޝަލުން މައުލޫމާތު ދެއްވައެވެ.
މިކަމާ ގުޅުންހުރި މަސްދަރަކުން ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ނަތީޖާއެއްގެ ގޮތުން، އިސްރާއީލުން ހަމަލާދޭން ނިންމާފައިވާ ލިސްޓުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއާއި މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފްގެ ނަން މިހާރު ވަނީ އުނިކޮށްފައެވެ.
އީރާނުގެ ސަރުކާރުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރަމުންދާކަމަށް ރަސްމީކޮށް އިންކާރު ކުރި ނަމަވެސް، “ރަހުމަތްތެރި ގައުމުތައް” މެދުވެރިކޮށް ދެފަރާތުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރެވެމުންދާކަން އެ ގައުމުން ވަނީ ގަބޫލުކޮށްފައެވެ.




