ދީނީ އެއްބައިވަންތަކަން އިސްކޮށް މަޒުހަބީ ބައިބައިވުމަށް ޖާގަ ނުދިނުމަށް މިނިސްޓަރު ޝަހީމް އިލްތިމާސްކުރައްވައިފި

ދިވެހި މުޖުތަމަޢުގެ ތެރޭގައި ސުންނީ އަދި ޝީޢީ މަޒުހަބީ ތަޢައްޞުބު އުފެދި، ފިތުނަވެރިކަމަށް މަގުފަހިވާނެ އެއްވެސް ކަމަކަށް ފުރުޞަތު ދެވިގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދިވެހިންނަކީ ޒަމާނުއްސުރެ ސުންނަތް ޖަމާޢަތުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބި ބައެއް ކަމަށާއި، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުން އަރާފާނެ ކަންކަމަށް ހުރިހާ ރައްޔިތުންނާއި ޢިލްމުވެރިން ސަމާލުވާންޖެހޭ ކަމަށެވެ.
މިނިސްޓަރު މިފަދައިން އިލްތިމާސްކުރެއްވީ، މެދުއިރުމަތީގެ ހަނގުރާމަވެރި މަސްރަހާ ގުޅުވައިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިޔަކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ދީނީ ފިރުޤާތަކުގެ ޢަޤީދާއާ ގުޅޭގޮތުން ވާހަކަދައްކާއިރު، އެކަމުގެ ފުރިހަމަ ޢިލްމު ލިބިފައިވާ ފަރާތްތަކުން ނޫނީ މަޢުލޫމާތު ނުފެތުރުމަށް މިނިސްޓަރު ނަސޭޙަތްތެރިވެވަޑައިގަތެވެ. އަދި ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންގެ މެދުގައި އޮޅުންއަރާނެ ފަދަ ވާހަކަތައް ނުދެއްކުމަށްވެސް ބާރުއެޅުއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމްދީނުގެ ވަސަޠީ (މެދުމިނުގެ) އުޞޫލުތައް ނެގެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެކަން ހާމަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލުމަށް ދުޝްމަނުން ކުރާ މަސައްކަތްތަކާމެދު ހޭލުންތެރިވާންޖެހޭ ކަމަށެވެ. ރާއްޖޭގެ ދީނީ އަމަންއާމާންކަން ދެމެހެއްޓުމަކީ މުޅި ޤައުމުގެ މަޞްލަޙަތާ ގުޅިފައިވާ މުހިންމު ޒިންމާއެއްކަންވެސް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
