މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ޙައްސާން ޑީއާރުޕީއަށް ސޮއިކޮށްފި
މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ޙައްސާން ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ)އަށް ސޮއިކޮށް ސިޔާސީ މައިދާނަށް ނުކުތްކަން ޢިއުލާންކޮށްފިއެވެ.
މިކަން އިޢުލާންކޮށްފައިވަނީ ވިޑިއޯ ކްލިޕަކާއެކު ޑީއާރުޕީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ޓްވީޓެއްގައެވެ.
މޭނާ ޙައްސާނު ޑީއާރުޕީއަށް ސޮއިކުރި މަންޒަރު ފެންނަ ވިޑިއޯ ކްލިޕެއް ހިމަނުއްވައި ޖާބިރު ކުރެއްވި ޓްވީޓްގައި “އަޅުގަނޑުގެ ބްރަދަރ މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއް! އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރ، ރާއްޖޭގެ ނަންބަރު 1 ލެޖެންޑް! ވަގުތު ނެތޭ ވަގުތު ނެތޭ! މަސައްކަތަށް އެންމެން ނުކުމޭ! ޑީއާރްޕީއަށް މަރުހަބާ! ” ޖާބިރު ލިޔުއްވާފައިވެއެވެ.
ވިޑިއޯ ކްލިޕުން ފެންނަގޮތުގައި މޭނާ ޙައްސާން ޑީއާރުޕީއަށް ސޮއިކުރިއިރު، އެތަނުގައިހުރި ޓީވީއެއްގައިވަނީ ޙައްސާނުގެ ޝޯވްއެއް އަޅުވާފައެވެ. އޭގެ އަޑުވެސް އިވެއެވެ. ޕާޓީއަށް ސޮއިކުރުމަށްފަހު ޙައްސާން ވަނީ ޖާބިރުގައިގާ ބައްދާލައި އޭނާ ހެޔޮ ނިޔަތުގައި ޖާބިރާއެކު މަސައްކަތްކުރަން ނުކުތްކަން ހާމަކޮށްފައެވެ.
ޖާބިރުގެ ޓްވީޓްގައިވާ ވީޑިއޯ ކްލިޕް ދަނީ ސޯޝަލް މީޑިއާގައި ވަރަށް ވަރަށްބޮޑަށް ދައުރުވަމުންނެވެ.

