ބޭރުދުނިޔެ

ހެޔޮ ހިތަކުން އީރާން ހަނގުރާމައަށް ތާއީދެއް ނުކުރެވޭނެ: ޔޫއެސް ކައުންޓަރޓެރަރިޒަމްގެ ވެރިޔާ

“ހެޔޮ ހިތަކުން އީރާން ހަނގުރާމައަށް ތާއީދެއް ނުކުރެވޭނެ” ކަމަށް ބުނެ، އެމެރިކާގެ ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުގެ ވެރިޔާ ޖޯސެފް ކެންޓް އޭނާގެ މަގާމުން އިސްތިއުފާދީފިއެވެ. އޭނާ އިސްތިއުފާދިނީ އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައާ ގުޅިގެންނެވެ.
ކެންޓްގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ، އީރާނުގެ ފަރާތުން އެމެރިކާއަށް އެއްވެސް “ކުއްލި ނުރައްކަލެއް” ނެތް ކަމަށާއި، ޓްރަމްޕް މި ހަނގުރާމަ ފެށީ އިސްރާއީލުން ކުރި ޕްރެޝަރުގެ ސަބަބުން ކަމަށެވެ. މިއީ އީރާން ހަނގުރާމައާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން އިސްތިއުފާދިން ފުރަތަމަ އިސް އޮފިޝަލެވެ.
އޭނާގެ ސިޓީގައި ލިޔެފައިވާ ގޮތުގައި މި ހަނގުރާމަ ފެށީ އިސްރާއީލާއި އެމެރިކާގައި އޮންނަ އިސްރާއީލުގެ ނުފޫޒުގަދަ ލޮބީން ކުރި ޕްރެޝަރާ ހެދިކަން ވަރަށް ސާފެވެ. އަދި އިސްރާއީލުގެ އިސް އޮފިޝަލުންނާއި އެމެރިކާގެ މީޑިއާތަކުގެ ނުފޫޒުގަދަ ފަރާތްތަކުން ވަނީ ދޮގު މައުލޫމާތު ފަތުރައިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބާރުއަޅާފައެވެ. އީރާނަކީ އެމެރިކާއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، ހަމަލާދީފިނަމަ ވަރަށް އަވަހަށް ކާމިޔާބުވާނެ ކަމަށް ބުނެ 79 އަހަރުގެ ޓްރަމްޕަށް އޮޅުވާލާފައިވަނީ ވެސް މި ފަރާތްތަކުން ކަމަށް ކެންޓް ބުންޏެވެ.
ކެންޓް ވަނީ މިހާރު ހިނގަމުންދާ ހަނގުރާމައާއި 2003 ވަނަ އަހަރުގެ އިރާގު ހަނގުރާމައާ އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އޭނާ ބުނީ 2003 ވަނަ އަހަރު ވެސް އެމެރިކާ އިރާގު ހަނގުރާމައިގެ ތެރެއަށް ވެއްދީ އިސްރާއީލުގެ އޮފިޝަލުން ދޮގު މައުލޫމާތު ފަތުރައިގެން ކަމަށާއި، މިހާރު އީރާނާ ދެކޮޅަށް ވެސް ބޭނުންކުރަނީ ހަމަ އެ އުކުޅުތައް ކަމަށެވެ. އަދި މި ނިންމުން ބަދަލުކުރުމަށް އޭނާ ވަނީ ޓްރަމްޕަށް ގޮވާލާފައެވެ.
އެމެރިކާގެ އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކެންޓް ބުނީ، މިއީ “އިސްރާއީލުން އުފައްދައިގެން އުޅޭ ހަނގުރާމައެއް” ކަމަށާއި، މީގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެހެންކަމުން އެމެރިކާގެ ޒުވާނުން މަރުވާން މި ހަނގުރާމައަށް ފޮނުވުމަށް ތާއީދު ނުކުރާނެކަމަށް އޭނާ ބުންޏެވެ.
މި ހަނގުރާމައިގައި މިހާތަނަށް އީރާނުން 1،300 އަށްވުރެ ގިނަ މީހުންނާއި، ލުބުނާނުން 880 އަށްވުރެ ގިނަ މީހުންނާއި، އިސްރާއީލުން 12 މީހުން ވަނީ މަރުވެފައެވެ. އަދި އެމެރިކާގެ ސިފައިންގެ 13 މީހުން މަރުވެ، 200 ވަރަކަށް މީހުންނަށް ވަނީ އަނިޔާވެފައެވެ.
ޖޯސެފް ކެންޓަކީ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޖަމާއަތްތަކާ ގުޅުން އޮންނަ މީހެކެވެ. ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުގެ ވެރިޔާގެ މަގާމަށް އޭނާ އައްޔަންކުރީ މިދިޔަ ޖުލައި މަހުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމަށް ޑިމޮކްރެޓިކް ޕާޓީން ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. 2021 ވަނަ އަހަރުގެ ޖަނަވަރީ 6 ގައި އެމެރިކާގެ ކެޕިޓަލް އަށް ދިން ހަމަލާއާއި، 2020 ވަނަ އަހަރުގެ އިންތިޚާބުން ޓްރަމްޕް މޮޅުވިކަމަށް ބުނެ ފަތުރާފައިވާ ދޮގު ވާހަކަތަކަށް ވެސް އޭނާ ވަނީ ތާއީދުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close