ބޭރުދުނިޔެ

އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް ހަމަލާދިނުން ހުއްޓާލުމަށް ހަމާސްއިން އީރާނަށް ގޮވާލައިފި

ފަލަސްތީނުގެ އިސްލާމީ ހަރަކާތް، ހަމާސްއިން ވަނީ އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް ހަމަލާދިނުމުން ދުރުހެލިވުމަށް އީރާނަށް ގޮވާލާފައެވެ. ނަމަވެސް، އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އީރާނަށް އޮތްކަން އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ.

މަދުން ނޫނީ ނުފެންނަ ފަދަ އިލްތިމާސެއް ކުރަމުން، ހަމާސްއިން ވަނީ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ގޮވާލާފައެވެ.

“ބައިނަލްއަގުވާމީ އުސޫލުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އީރާނަށް ކުރިމަތިވެފައިވާ އުދުވާނަށް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ރައްދުދިނުމުގެ ހައްގު އެ ގައުމަށް ލިބިގެންވާކަން ކަށަވަރުކޮށްދޭ ހާލު، އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް ހަމަލާދިނުމުން ދުރުހެލިވުމަށް އީރާނުގެ އަޚުންނަށް މި ހަރަކާތުން ގޮވާލަން،” ހަމާސްއިން ނެރުނު ބަޔާނެއްގައި ވެއެވެ. މިއީ އީރާނަށް އަމާޒުކޮށް މިފަދަ އިލްތިމާސެއް ހަމާސްއިން ފާޅުގައި ކުރި ފުރަތަމަ ފަހަރެވެ.

އިސްރާއީލާއެކު ޣައްޒާގައި ދެ އަހަރު ދުވަހުގެ ވަރުގަދަ ހަނގުރާމައެއް ކުރި ހަމާސްއިން ވަނީ، މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއަޅާފައެވެ.

މީގެ ކުރިން، ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލި ހާދިސާ ހަމާސްއިން ކުށްވެރިކޮށްފައިވަނީ އެއީ “ނުބައިވެގެންވާ ޖަރީމާއެއް” ގޮތުގައެވެ. އަދި އޭނާއަކީ ފަލަސްތީނުގެ މިނިވަންކަމަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވި ބޭފުޅެއްކަން އެ ޖަމާއަތުން ފާޅުގައި ބަލައިގަނެއެވެ.

“އޭނާ ވަނީ އަޅުގަނޑުމެންގެ ރައްޔިތުންނަށާއި، އަޅުގަނޑުމެންގެ ގަޒިއްޔާއަށާއި، އަދި މުގާވިމަތަށް (resistance) ސިޔާސީ، ޑިޕްލޮމެޓިކް އަދި އަސްކަރީ ގޮތުން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައި،” ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ހަމާސްއިން ބުނެފައިވެއެވެ.

އެމެރިކާ އާއި އިސްރާއީލުގެ ވަރުގަދަ އަސްކަރީ ބާރާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން މަދުވެގެން 10 ގައުމަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

ގަތަރުން ބުނި ގޮތުގައި، ވެރިރަށް ދޯހާގައި ގޮވުންތަކެއްގެ އަޑު އިވުމަށްފަހު، އެ ގައުމުގެ ސިފައިން ވަނީ ދެ މިސައިލެއް ވައްޓާލާފައެވެ. އަދި ބައެއް ސަރަހައްދުތަކުން މީހުން ހުސްކޮށްފައިވާ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހަމާސްއިން އީރާނަށް މި އިލްތިމާސް ކުރިއިރު، އެ ޖަމާއަތުގެ ބައިވެރިއެއް ކަމަށްވާ ލުުބުނާނުގެ ހިޒްބުالله އިން ވަނީ އަނެއްކާވެސް ހަނގުރާމައިގެ ތެރެއަށް ވަދެ، އިސްރާއީލަށް އެތައް ސަތޭކަ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ހިޒްބުالله އިން ހަނގުރާމައިގެ ތެރެއަށް ވަދެފައިވާއިރު، އޭގެ ފަހުން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 800 އެއްހާ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

އީރާނަކީ ހަމާސްއަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ގައުމަށް ވީހިނދު، ސަރަހައްދީ ގައުމުތަކަށް ހަމަލާދިނުން ހުއްޓާލުމަށް ހަމާސްއިން ކުރި މި އިލްތިމާސަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މުހައްލިލުން އަންދާޒާކުރާ ގޮތުގައި އީރާނުން އަހަރަކު އެތައް މިލިއަން ޑޮލަރެއް ހަމާސްއަށް ފޯރުކޮށްދެއެވެ.

އަވަހާރަވި ޚާމަނާއީގެ ޒައާމަތުގައި، އިސްރާއީލާއި އެ ގައުމުގެ ބައިވެރިންނާ ދެކޮޅަށް އީރާނުން ގެންގުޅޭ ސަރަހައްދީ ސިޔާސަތުގެ މައިގަނޑު އެއް ތަނބަކީ ހަމާސް ފަދަ ފަލަސްތީނުގެ ޖަމާއަތްތަކަށް އެހީތެރިވުމެވެ.

ސުންނީންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުން ވެސް ހަމާސްއާ ގުޅުން ބާއްވައެވެ. މީގެ ތެރޭގައި ހާއްސަކޮށް ގަތަރާއި ތުރުކީ ފާހަގަކޮށްލެވެއެވެ. ގަތަރަކީ ޣައްޒާއަށް އިންސާނީ އެހީ އާއި އުމްރާނީ ތަރައްގީއަށް، ހާއްސަކޮށް މުވައްޒަފުންގެ މުސާރަ އާއި ތެލުގެ ޚަރަދު ހަމަޖެއްސުމަށް ބޮޑެތި ހޭދަތަކެއް ކުރާ ގައުމެކެވެ. މީގެ އިތުރުން ހަމާސްގެ ސިޔާސީ ލީޑަޝިޕް ގަތަރުގައި ތިބުމަކީ، އެ ޖަމާއަތަށް ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓައި، މަޝްވަރާތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ.

ތުރުކީން މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ސިޔާސީ އަދި ޑިޕްލޮމެޓިކް އެހީތެރިކަމެވެ. ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރުން ވަނީ ހަމާސްއަށް ބަހުގެ ހަމަލާތަކުން ތާއީދުކޮށް، އެ ޖަމާއަތުގެ ލީޑަރުންނަށް މަރުހަބާ ކިޔާފައެވެ.

ހުކުރު ދުވަހު ތުރުކީން ބުނި ގޮތުގައި، އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ނޭޓޯގެ ބާރުތަކުން ވަނީ ތުރުކީގެ ވައިގެ ސަރަހައްދުން ވައްޓާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close