އެފްއައިޔޫގެ ވެރިޔާގެ މަގާމަށް މުހައްމަދު އިޝާން އައްޔަންކޮށްފި

މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމަށް، އެ ބޭންކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޗާޓަޑް އެކައުންޓެންޓް މުހައްމަދު އިޝާން މިއަދު އައްޔަންކޮށްފިއެވެ.
އިޝާން މި މަގާމަށް އައްޔަންކުރީ އެމްއެމްއޭގެ މުވައްޒަފުންގެ މެދުގައި އެ މަގާމަށް ހުޅުވާލައި، ކުރިމަތިލީ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހުގައެވެ.
2014 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިޝާން ވަނީ މީގެ ކުރިން އެ ތަނުގެ ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް އަދި ހެޑް އޮފް ފައިނޭންސްގެ މަގާމު ވެސް ފުރުއްވާފައެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ސީއައިއެމްއޭގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެއްވެސް މެއެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ސާޖިދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސާބިތުވާކަމަށް ނިންމުމާ ގުޅިގެންނެވެ. ސާޖިދު އެ މަގާމަށް އައްޔަންކުރީ، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއުގެ ކުންފުންޏަކާ ގުޅުންހުރި އިންޓެލިޖެންސް ރިޕޯޓެއް ލީކުވި މައްސަލައިގައި ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު ވަކިކުރުމަށްފަހުގައެވެ.

