ބޭރުދުނިޔެ

ސައުދީ ވަލީއަހުދު އެމެރިކާގެ ރައީސް ޓްރަމްޕަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސަރަޙައްދީ މަސްރަޙާ ގުޅޭގޮތުން ފޯނުން މަޝްވަރާކުރައްވައިފިއެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް ފޯނުން ގުޅުއްވައިފައެވެ.

މި ފޯނު ކޯލުގައި، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތައް އެމެރިކާގެ ފަރާތުން ރައީސް ޓްރަމްޕް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އެ ހަމަލާތައް ނާކާމިޔާބުކޮށްލާފައެވެ.

މީގެ އިތުރުން، ސަރަޙައްދުގެ އަމާންކަމާއި ހަމަޖެހުމަށް ބުރޫއަރާފަދަ ގޮތަކަށް އީރާނުން ހިންގާ މިފަދަ އަމަލުތަކާ ދެކޮޅަށް ސައުދީން އަޅާ ހުރިހާ ފިޔަވަޅުތަކަކަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮތްކަން ރައީސް ޓްރަމްޕް ކަށަވަރުކޮށްދެއްވި ކަމަށް އެސް.ޕީ.އޭ އިން ބުނެފައިވެއެވެ.

ވަކިން ކުރެއްވި އެހެން ފޯނު ކޯލެއްގައި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރަޢު ވަނީ ސަރަޙައްދުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސް އަލްޝަރަޢު ވަނީ ސައުދީ އަރަބިއްޔާއާ އެކު ސޫރިޔާ އޮތްކަން ހާމަކުރައްވައި، އެ ގައުމުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

އަދި ސައުދީ އަރަބިއްޔާގެ އިސްތިގުލާލަށް އުނިކަން އަންނަ އެއްވެސް އަމަލެއް ނުވަތަ އެ ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށް ސޫރިޔާގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުން ސައުދީ އަށާއި ގަލްފުގެ އެހެން ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އޮމާންގެ ސުލްޠާން ހައިޘަމް ބިން ޠާރިޤާއި ލުބުނާނުގެ ރައީސް ޖޯސެފް އަޢުން ވެސް ވަނީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް ފޯނުން ގުޅުއްވައި، ސަރަޙައްދީ މަސްރަޙާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އެސް.ޕީ.އޭ އިން ރިޕޯޓްކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close