ބޭރުދުނިޔެ

ބައިޑަންގެ ރައީސްކަމުގައި ފުރަތަމަ ފަހަރަށް ޝީއާ ބައްދަލުކުރައްވަނީ – ވައިޓް ހައުސް

އަންނަ ހަފްތާގައި އިންޑޮނޭޝިއާގައި ބާއްވާ ޖީ-20 ސަމިޓުގެ ތެރެއިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ. ބައިޑަން އާއި ޝީ “މުވާސަލާތީ ރޮނގުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން” މަޝްވަރާކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ޓައިވާންއާ ގުޅިގެން ވޮޝިންޓަނާއި ބެއިޖިންގެ ގުޅުން ވަނީ ފަހަކަށް އައިސް ގޯސްވެފައެވެ.

މި ދެބޭފުޅުން ބައްދަލު ކުރަން ހަމަޖެހިފައިވަނީ ހޯމަ ދުވަހު ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއެރޭ ވިދާޅުވިއެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެބައްދަލުވުމުގައި ސަރަހައްދީ އަދި ދުނިޔޭގެ ގިނަ މައްސަލަތަކެއްގައި މަޝްވަރާ ކުރާނެ” ކަމަށެވެ.

“ދެ ލީޑަރުން މަޝްވަރާކުރާނީ މުވާސަލާތީ ރޮނގުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތާ މެދު…ޒިންމާދާރުކަމާއެކު ވާދަވެރިކަން މެނޭޖްކުރުމަށް، އަދި އަޅުގަނޑުމެންގެ މަސްލަހަތު އެއްގޮތްވާ ތަންތަނުގައި ގުޅިގެން މަސައްކަތްކުރާނެ،” ޖީން ޕިއެރޭ ވިދާޅުވި އެވެ.

ބައިޑަން އާއި ޝީ އެންމެ ފަހުން ފޯނުން ވާހަކަ ދެއްކީ ޖުލައި މަހުގެ ފަހުކޮޅު ކަމަށާއި، މިދިޔަ ޖެނުއަރީ މަހު ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދެބޭފުޅުން ފޭސް ޓު ފޭސްކޮށް ބައްދަލުވެފައެއް ނުވެއެވެ.

ބައިޑަންގެ ބެލުމުގެ ދަށުން ވޮޝިންޓަން އާއި ބެއިޖިންގެ ގުޅުން ހީނަރުވެފައި ވާއިރު، ޗައިނާއިން ގަދަކަމުން އެ ޖަޒީރާ ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފިނަމަ އަސްކަރީ ގޮތުން ތަދައްޚުލްވާނެ ކަމުގެ އިންޒާރު ވަކި ހަތަރު ފަހަރެއްގެ މަތިން އެމެރިކާގެ ރައީސް ވަނީ ދެއްވާފަ އެވެ. ކޮންމެ ފަހަރަކު ވެސް ވައިޓް ހައުސްގެ އެހީތެރިން ބައިޑަންގެ ބަޔާންތަކަށް ފަހަތަށް ޖެހި، އެމެރިކާ އަދިވެސް ތަބާވަނީ ‘އެއް ޗައިނާ’ ސިޔާސަތަށް ކަމުގެ ޔަގީންކަން ބެއިޖިން އަށް ދިނެވެ.

ޗައިނާއިން ވެސް ވަނީ އޮގަސްޓް މަހު އެމެރިކާގެ ހައުސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅަކީ ޓައިވާންގެ ވަކިވެގަތުމަށް ވޮޝިންޓަނުން ސިއްރު އެންޑޯސްމަންޓެއްގެ ގޮތުގައި ބަލާފަ އެވެ. އެކަމުގެ ރައްދެއްގެ ގޮތުން ބެއިޖިން އިން ޓައިވާން ސްޓްރެއިޓްގައި ފުރިހަމަ އަސްކަރީ ތަމްރީނުތަކެއް ފެށިއިރު، އެމެރިކާއާ މުއާމަލާތް ކުރުމުގެ މުހިންމު ރޮނގުތައް ކަނޑާލި އެވެ.

ބައިޑަން ބުދަ ދުވަހު ވިދާޅުވީ ޝީއާ އެކު ޓައިވާނާއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި، އެ ޖަޒީރާއާ މެދު އެމެރިކާގެ ސްޓޭންޑް އަށް “ފެށުނީއްސުރެ އެއްގޮތަކަށް ވެސް ބަދަލެއް އައިސްފައި ނުވާ” ކަމަށް ބެލެވޭ ކަމަށެވެ. ބައިޑަން އިތުރަށް ވިދާޅުވީ އޭނާ ހޯދަނީ ޗައިނާއާ އެކު “ކޮންފްލިކްޓް ނޫން، ވާދަވެރިކަން” ކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޔޫކްރޭންގެ ހަމަނުޖެހުންތަކާއި އުތުރު ކޮރެއާއިން މިސައިލް ޓެސްޓްކުރުން އިތުރުކުރުމާ ގުޅޭ ގޮތުން ވެސް ބައިޑަން އާއި ޝީ މަޝްވަރާ ކުރައްވާނެ ކަމަށެވެ. ބައިޑަން ގަސްތުކުރައްވަނީ ޝީއާ އެކު ޗައިނާއިން އުއިގޫރު މުސްލިމުންނަށް ފިއްތުންތައް ކުރިމަތިވާ ކަމަށް ބުނާ މައްސަލައާ އެކު ވާހަކަ ދައްކަން ކަމަށާއި އެކަން ބެއިޖިން އިން ދޮގުކުރާ ކަމަށް ވެސް އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close