ބޭރުދުނިޔެ

ކޮނާކްރީގެ މަރުކަޒީ ޖަލު ކައިރިން ބަޑީގެ ވަރުގަދަ ހަމަލާތަކެއްގެ އަޑު އިވިއްޖެ

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގިނީގެ ވެރިރަށް ކޮނާކްރީގައި ހުންނަ މަރުކަޒީ ޖަލު ކައިރިން މެދުނުކެނޑި ބަޑީގެ އަޑުތައް އިވުމާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ.

އަންގާރަ ދުވަހު މި ބަޑީގެ ހަމަލާތައް ދޭން މެދުވެރިވި ސަބަބެއް ނުވަތަ އެކަން ކުރަނީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ. އަދި މިހާތަނަށް ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަތިޔާރު އެޅި ސަލާމަތީ ބާރުތަކުން ދަތުރުކުރި އަސްކަރީ ޕިކަޕްތަކާއި މެޝިން ބަޑި ހަރުކޮށްފައިވާ އާމަޑް ކެރިއަރުތަކެއް، ކޮނާކްރީގެ އިދާރީ މަރުކަޒު ކަމަށްވާ ކަލޫމް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަތަން މަންޒަރު ދުށް ފަރާތްތަކަށް ވަނީ ފެނިފައެވެ. ގިނީގެ ރިޔާސީ ގަނޑުވަރު ވެސް ހުންނަނީ މި ސަރަހައްދުގައެވެ.

އޭއެފްޕީ ނިއުސް އެޖެންސީގެ ނޫސްވެރިއަކު މައުލޫމާތު ދިން ގޮތުގައި، އަންގާރަ ދުވަހުގެ ހެނދުނު ފުލުހުންނާއި ހާއްސަ ފައުޖުތަކުން ވަނީ ޖަލަށް ދެވެން އޮންނަ މަގުތައް ބަންދުކޮށްފައެވެ. ނަމަވެސް ފަހުން އެ މަގުތައް އަލުން ވަނީ ހުޅުވާލާފައެވެ.

ޖަލުގެ ކުރިމަތީގައި ހާއްސަ ފައުޖުގެ ތިން އާމަޑް ވެހިކަލް ފެންނަން ހުރިއިރު، ތިން އެމްބިއުލާންސެއް ޖަލުން ނުކުމެގެން ދަނިކޮށް ވެސް ވަނީ ފެނިފައެވެ.

“އަހަންނަށް އިވުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އުޅަނދުތަކެއްގެ އަޑު. އަހަރެން އަވަހަށް ކުޑަދޮރު ކައިރިއަށް ގޮސް ބަލައިލިއިރު، އޮޓޮމެޓިކް ބަޑީގެ ހަމަލާތަކެއްގެ އަޑު އިވުނު،” އެ ސަރަހައްދުގައި މަސައްކަތްކުރާ އެކައުންޓެންޓެއް ކަމަށްވާ ތިއާނޯ ބަލްޑޭ އޭއެފްޕީއަށް މައުލޫމާތު ދެމުން ބުންޏެވެ. އެހެން ބައެއް މީހުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

މި ހަމަލާތައް ފެށުނީ ހެނދުނު 9 ޖަހާކަންހާއިރު ކަމަށާއި، ބަޑީގެ އަޑުތައް ބައިގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަލު ކައިރީގައި ދިރިއުޅޭ އެހެން މީހަކު ބުނީ ޖަލުގެ ތެރެއިން ވެސް ބަޑީގެ އަޑު އިވުނު ކަމަށާއި، ނަމަވެސް މިހާރު މަސްލަހަތު އޮތީ އަމާންކޮށް ކަމަށެވެ. “އެކަމަކު މި އަމާންކަން ދެމިއޮންނާނީ ކިހާ ވަގުތަކަށް ކަމެއް އަހަރެމެންނަކަށް ނޭނގޭ،” އޭނާ އިތުރަށް ބުންޏެވެ.

ގިނީގެ މި މަރުކަޒީ ޖަލަކީ މީގެ ކުރިން ވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ތަނެކެވެ. އެގޮތުން 2023 ވަނަ އަހަރު، ހަތިޔާރު އެޅި ބަޔަކު ޖަލަށް ވަދެ ކުރީގެ ރައީސް މޫސާ ދާދިސް ކަމާރާ މިނިވަންކުރުމަށް ހިންގި ހަރަކާތްތަކުގެ ތެރޭގައި ނުވަ މީހަކު ވަނީ މަރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close