ޓެކްނޮލޮޖީ

ޓްރަމްޕްގެ ސްމާޓްފޯނު: އާ ތަފްސީލުތަކަކާއެކު އަލުން ތައާރަފުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނަމުގައި އުފައްދާފައިވާ ސްމާޓްފޯނު، ޓީ1، އާ ސިފަތަކަކާއެކު އަދި ކުރިން ބުނި އަގަށްވުރެ ބޮޑު އަގެއްގައި އަލުން ތައާރަފުކޮށްފިއެވެ. މި ފޯނާ ބެހޭ އާ މައުލޫމާތުތަކެއް ހާމަކޮށްފައިވަނީ ‘ދަ ވަރޖް’ ނޫހުން ނެގި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ޓްރަމްޕް މޮބައިލްގެ އެގްޒެކެޓިވުން ވަނީ ފޯނުގެ ސްޕެކްސް އާއި އަގު އަދި އުފައްދާނެ ތަން ބަދަލުވެފައިވާކަން ހާމަކުރައްވާފައެވެ.

ޓްރަމްޕް މޮބައިލްގެ އެގްޒެކެޓިވުން ކަމަށްވާ ޑޮން ހެންޑްރިކްސަން އާއި އެރިކް ތޯމަސް ހާމަކުރެއްވި ގޮތުގައި، މި ފޯނުގައި ހުންނާނީ ގާތްގަނޑަކަށް 6.8 އިންޗީގެ ޑިސްޕްލޭއެކެވެ. މީގެ އިތުރުން ކުއަލްކޮމް ސްނެޕްޑްރެގަން 7 ސީރީޒްގެ ޗިޕްސެޓަކާއި، 512ޖީބީގެ އިންޓަރނަލް ސްޓޯރޭޖް (އެސްޑީ ކާޑު މެދުވެރިކޮށް އިތުރުކުރެވޭނެ ގޮތަށް) އަދި 5,000mAh ގެ ބެޓެރީއެއް ހިމެނެއެވެ.

ކެމެރާގެ ގޮތުން، ސެލްފީ ކެމެރާއާއި ފޯނުގެ ފަހަތުގައި ހުންނަ މައި ކެމެރާގައިވެސް 50 މެގާޕިކްސެލް ހުންނާނެއެވެ. ފަހަތުގައި އަލްޓްރާ-ވައިޑް އަދި ޓެލެފޯޓޯ ލެންސްވެސް ހުރެދާނެ ކަމަށް ލަފާކޮށްފައެވެ. މި ސިފަތަކަކީ މިހާރުގެ ސްމާޓްފޯނު މާކެޓުގައި އާންމުކޮށް ފެންނަ ވަރަށް މަތީ ފެންވަރެއްގެ ސިފަތަކެކެވެ.

މި ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް ހެންޑްރިކްސަން އާއި ތޯމަސް ވިދާޅުވީ، އަންނަ މާޗް ނުވަތަ މެއި މަހު ފުރަތަމަ އޯޑަރުކުރި ފަރާތްތަކަށް ފޯނު ފޮނުވަން ފަށާނެ ކަމަށެވެ. އަގުގެ ގޮތުން، ފުރަތަމަ ގަންނަ ފަރާތްތަކަށް 499 ޑޮލަރަށް ލިބުނު ނަމަވެސް، ފަހުން ގަންނަ ފަރާތްތަކަށް އަގު ބޮޑުވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް އެ އަގު ކިހާވަރަކަށް ބޮޑުވާނެކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

މީގެ އިތުރުން، ކުރިން މާކެޓިން ކެމްޕޭންތަކުގައި މި ފޯނު އެމެރިކާގައި އުފައްދާނެ ކަމަށް ބުނެފައިވީ ނަމަވެސް، މި ފޯނު އެމެރިކާގައި އުފެއްދުމުގެ ބަދަލުގައި އެހެން ގައުމެއްގައި އުފައްދާނެ ކަމަށް މި އިންޓަވިއުގައި އެ ދެ ބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި ބަދަލުތަކަކީ ފޯނު އުފެއްދުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ނިންމާފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

ޓީ1 ފޯނު ހަ މަސް ކުރިން ތައާރަފުކުރަން ހަމަޖެހިފައި އޮތް ނަމަވެސް، އޭގެ ފަހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ‘ދަ ވަރޖް’ އަށް ދައްކާފައިވާ ފޯނުގެ ޑިޒައިނާއި، ސްޕެކްސް އަދި އަގުވެސް، މިދިޔަ އަހަރު ވެބްސައިޓުގައި އިޝްތިހާރުކުރި ފޯނާ އެއްގޮތެއް ނޫނެވެ.

ވުމާއެކު، މި ފޯނުގެ ޑިޒައިނާއި، ސްޕެކްސް، އަދި އަގާ ގުޅޭގޮތުން ދެވިފައިވާ މައުލޫމާތުގެ ތެދުކަން ސާފުކުރުމަށް އިތުރު ވަގުތު ބޭނުންވާނެއެވެ. އަންނަ އެއް ދެ މަސް ދުވަހުގެ ތެރޭގައި މި މައުލޫމާތުތަކުގެ ތެދުކަން އިތުރަށް ސާފުވެ، ފޯނު ގަތުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close