ޒިއޯމީ އެމްއައި 11 ވެސް ނެރެނީ ޗާޖަރ ނުހިމަނާ
ޗައިނާގެ މަޝްހޫރު ޒިއޯމީ ފޯން އުފައްދާ ކުންފުނީގެ ސީއީއޯ ލީ ޖުން ޔަޤީން ކޮށްދީފައިވާ ގޮތުގައި އެކުންފުނީގެ ފަރާތުން މިހާރު ނެރުމަށް ތައްޔާރުވަމުންދާ ޒިއޯމީ އެމްއައި 11 ނުކުންނައިރު އެފޯނުގައި ޗާޖަރު ނުހިމަނާނެއެވެ.
ލީޖުން އިތުރަށް ވިދާޅުވެފައިވަނީ ޒިއޯމީގެ އެންމެ ފަހުގެ ފޯނު ޒިއޯމީ އެމްއައި 11 ގައި ޗާޖަރ ނުހިމަނަން ނިންމާފައިވަނީ ތިމާވެށި ޙިމާޔާތް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމުގައެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން ވެސް ޗާޖަރާ ނުލައި ނެރެފައިވާއިރު ޒިއޯމީ އިންންވެސް ބުނެފައިވަނީ އެމީހުންގެ ފަހުގެ ފޯނުގައި ޗާޖަރު ނުހިމެނީ ފޯނުބޭނުން ކުރާ މީހުންގެ ކުރީގެ ޗާޖަރުތައް ބޭނުންކުރެވޭނެތީ ކޮންމެހެން ގިނަ ޗާޖަރު ތަކެއް އުފެއްދުމުގެ މާބޮޑު ބޭނުމެއް ނެތްކަމުގައި ކުންފުނިން ދެކޭތީކަމުގައެވެ.
ކުރިން ޒިއޯމީގެ ފަހުގެ ފޯނު 2021 ގެ ފެބުރުއަރީ ނުވަތަ މާރޗްގައި ނެރޭގޮތަށް އޮތް ނަމަވެސް މިހާރު އެތާރީކް އަވަސްކޮސް ޑިސެމްބަރ 28 (މިއަދު) ގެ ވަގުތެއްގައި ޒިއޯމީ އެމްއައި 11 ނެރެން ހަމަޖެހިފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒިއޯމީގެ ފޯނުތަކަކީ މިހާރު ވަރުގަދަ މޮޅު ފޯނުތަކެކެވެ. ސްމާޓު ފޯނުގެ ބާޒާރުގައި އެކުންފުނިން ދަނީ ކުރިއެރުންތައް ހޯދަމުންނެވެ.
