ބޮޑު ރަހީނުކުރުމެއްގެ ހާދިސާ: ނައިޖީރިއާގެ ކުރުމިން ވަލީގެ ބަދަލުވެގެންދިޔަ ދުވަސް

ނައިޖީރިއާގެ ކުރުމިން ވަލީ – އެ ރަށުގެ އެހެން އާދީއްތަ ދުވަސްތަކެކޭ އެއްފަދައިން، ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ފެށިގެންދިޔައީ ފައްޅިއަށް ދިއުމުގެ ތައްޔާރީތަކާއި، ހަފުތާއަކު އެއްފަހަރު ބާއްވާ ބާޒާރަށް ދިއުމުގެ ކަންކަމާއިގެންނެވެ.
ނަމަވެސް، ހެނދުނު 9:30 ހާއިރު، ނައިޖީރިއާގެ ކަޑޫނާ ސްޓޭޓްގެ ކަޖޫރޫ ސަރަހައްދުގައި ހިމެނޭ މި އަވަށުގެ ރައްޔިތުންނަށް، މިއީ އާދައިގެ އާދީއްތަ ދުވަހެއް ނޫންކަން އިހުސާސްވާން ފެށިއެވެ.
އެ ސަރަހައްދުގައި “ބެންޑިޓުން” ނުވަތަ ހަތިޔާރުއެޅި ވައްކަންކުރާ ގުރޫޕުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ގިނަ އަދަދެއްގެ މީހުން، އޭކޭ-47 ބަޑިތަކާއެކު އެ އަވަށަށް އަރައިގަތެވެ.
އެމީހުން ގޭގޭގެ ދޮރުތައް މުގުރާލައި، ގޭގެއާއި އަވަށުގައި ހުރި ތިން ފައްޅިން މީހުން ނެރެން ފެށިއެވެ. އަދި އަވަށުން ނުކުމެވޭނެ މަގުތައް ބަންދުކުރުމަށްފަހު، ބަޑީގެ ބިރުދައްކައިގެން އެތައް ބަޔަކު ގަދަކަމުން ޖަންގަލި ތެރެއަށް ގެންދިޔައެވެ.
ބައެއް މީހުން ފައްޅިތަކުގެ ތެރެއިން ރަހީނުކުރިއިރު، އަނެއް ބަޔަކު ރަހީނުކުރީ ގެއިން ގެއަށް ވަދެ ގަދަކަމުންނެވެ. އެއް ގެއަކުން އެކަނިވެސް އެއް އާއިލާއަކަށް ނިސްބަތްވާ 30 އަށްވުރެ ގިނަ މީހުން ވަނީ ވަގަށް ނަގާފައެވެ.
މި ހާދިސާގައި ގެއްލުނު އާއިލާގެ މެންބަރެއް ކަމަށްވާ ޖުމާއި އިދުރީސް ހުރީ ވަރަށް ބޮޑަށް ހިތާމައިގައެވެ. ހަމަލާ ދިން ދުވަހު އޭނާ ހުރީ ބޭރަށް ނުގޮސް ގޭގައެވެ.
“ހަޅޭއްލަވާ އަޑު އިވުމުން، ދެ ކުދިން ގޮވައިގެން ގޮސް އަހަރެން ފިލީ ގޭގެ ފަހަތުގައެވެ. އެމީހުންގެ ލޮލުގައި އަހަރެމެން އަޅައިނުގަތީ އެހެންވެއެވެ،” އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. “އެކަމަކު އަހަރެމެންގެ ގެއިންނާއި ކައިރި ގެތަކުން މީހުން ގެންދިޔައިރު، އެމީހުންގެ ހަޅޭކާއި، ރުއިމާއި، ފިޔަވަޅުތަކުގެ އަޑު އަހަރެންނަށް ވަރަށް ސާފުކޮށް އިވުނު،” ގިސްލާ ރޮމުން އޭނާ އިތުރަށް ކިޔައިދިނެވެ.
ލޮލުން ކަރުނަ އޮހެމުންދިޔައިރު، އޭނާގެ އާއިލާގެ ތެރެއިން ގެއްލުނު ފިރިހެނުންނާއި، އަންހެނުންނާއި އަދި ކުޑަކުދިންގެ ނަންތައް ކިޔައި އޭނާ ގޮވަމުންދިޔައެވެ. އޭނާގެ ގެ ހުންނަނީ އަވަށުގެ އަރިމަތީގައި، ހަތިޔާރުއެޅި މީހުން ހުރަސްކުރާ މަގަކާ ވަރަށް ކައިރީގައެވެ.
“އެމީހުން މިހާރު އެމީހުންނަށް ކުރަނީ ކީއްކަމެއް އަހަރެންނަކަށް ނޭނގެ. އެމީހުން އެއްޗެއް ކައިފިތޯ ނުވަތަ ނޫންތޯވެސް އަހަރެންނަކަށް ނޭނގެ،” އޭނާ ބުންޏެވެ.
އެ ދުވަހު ޖުމްލަ 177 މީހުން ވަނީ ރަހީނުކޮށްފައެވެ. އޭގެ ތެރެއިން 11 މީހަކު ވަނީ އެމީހުންގެ އަތްދަށުން ސަލާމަތްވެގެން ފިލާފައެވެ. ނަމަވެސް ކުރުމިން ވަލީގެ އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މީހުން އަދިވެސް ތިބީ ރަހީނުކޮށްފައެވެ.



