ޚަބަރު

ވެރިކަންކުރާ ޕީއެންސީގެ ވާދަވެރި ކައުންސިލް ޕްރައިމަރީ ފަށައިފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށައިފިއެވެ.

މި ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ޕީއެންސީގެ އަމާޒަކީ ލޯކަލް ކައުންސިލް އިންތިހާބުގެ އަޣުލަބިއްޔަތު ކާމިޔާބުކުރާ ފުރަތަމަ ވެރިކަންކުރާ ޕާޓީއަށްވުންކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މި ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ ކައުންސިލްތަކަށް 183 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކަށް 121 ކެންޑިޑޭޓުންނެވެ. ޕީއެންސީން ކަނޑައަޅާފައިވާ މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވާ ގޮތުގައި، ޕާޓީގެ ޓިކެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކެންޑިޑޭޓުން ނިކުންނާނެއެވެ. އަދި ޕްރައިމަރީގެ ވޯޓުލުން ބާއްވަނީ އެއް ގޮނޑިއަކަށް އިތުރު ބަޔަކު ކުރިމަތިލާފައިވާ ދާއިރާތަކުގައި، ކެންޑިޑޭޓުން ނިސްބަތްވާ ރަށްރަށުގައި އެކަނިކަމަށް ފަލާޙް ވިދާޅުވިއެވެ.

ޕްރައިމަރީއާ ދިމާކޮށް ޕީއެންސީއަށް ގިނަ ބަޔަކު ވަދެފައިވާކަމަށް ފަލާހު ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70،000 އިން މައްޗަށް ގޮސްފައިވެއެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމިޓީތަކަށް، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުން އިންތިހާބުކުރުމަށް ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close