އޭއައި ޗިޕް ސްޓާޓަޕް ގްރޮކްގެ އެސެޓްތަކެއް 20 ބިލިއަން ޑޮލަރަށް އެންވީޑިއާއިން ގަންނަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، އެންވީޑިއާ އިން އޭއައި ޗިޕް ސްޓާޓަޕް “ގްރޮކް” ގެ މުހިންމު އެސެޓްތަކެއް 20 ބިލިއަން ޑޮލަރަށް ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
މިއީ އެންވީޑިއާގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މުޢާމަލާތެވެ. މި ޑީލްގެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ގްރޮކްގެ އެންމެ ފަހުގެ ފައިނޭންސިން ރައުންޑްގައި އިސްކޮށް ހަރަކާތްތެރިވި “ޑިސްރަޕްޓިވް” ކުންފުނީގެ ސީއީއޯ އެލެކްސް ޑޭވިސް އެވެ.
މި އެއްބަސްވުމުގެ ދަށުން އެންވީޑިއާއަށް ގްރޮކްގެ ޓެކްނޮލޮޖީއާއި އެސެޓްތައް ލިބުނު ނަމަވެސް، ގްރޮކްގެ ކްލައުޑް ވިޔަފާރި ކަމަށްވާ “ގްރޮކްކްލައުޑް” މި ޑީލްގެ ތެރެއަކު ނުހިމެނެއެވެ. ގްރޮކް އަކީ ގޫގުލްގެ ޓެންސާ ޕްރޮސެސިން ޔުނިޓް (ޓީޕީޔޫ) އުފެއްދި ތަޖުރިބާކާރުން އިސްވެ ތިބެ މީގެ ނުވަ އަހަރު ކުރިން އުފެއްދި ކުންފުންޏެކެވެ. ޓީޕީޔޫ އަކީ އޭއައި މަސައްކަތްތަކުގައި އެންވީޑިއާގެ އުފެއްދުންތަކާ އެންމެ ބޮޑަށް ވާދަކުރާ އެއް ޗިޕެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހު ގްރޮކްގެ އަގު 6.9 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މި ޑީލް ކުރިއަށް ގެންގޮސްފައިވަނީ “ނޮން-އެކްސްކްލޫސިވް ލައިސަންސިން އެގްރީމެންޓެއް” ގެ ދަށުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ގްރޮކްގެ ފައުންޑާ އަދި ސީއީއޯ ޖޮނަތަން ރޮސް އާއި ކުންފުނީގެ ރައީސް ސަނީ މަދުރާގެ އިތުރުން އެހެނިހެން އިސް ވެރިން އެންވީޑިއާގެ ޓީމާ ގުޅޭނެއެވެ.
އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގް މުވައްޒަފުންނަށް ފޮނުއްވި އީމެއިލެއްގައި ވިދާޅުވީ، ގްރޮކްގެ ލޯ-ލޭޓެންސީ ޕްރޮސެސަރުތައް އެންވީޑިއާގެ އޭއައި ފެކްޓަރީ އާކިޓެކްޗާ އަށް އިތުރުކުރުމުން ކުންފުނީގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.
މިއީ އޭއައި އިންފަރެންސް އަދި ރިއަލް-ޓައިމް މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް އެޅި ފިޔަވަޅެކެވެ. ނަމަވެސް ހުއާންގް ވަނީ އެންވީޑިއާ އިން ގްރޮކް ކުންފުނި އެއްކޮށް ނުގަންނަ ކަމަށާއި، ހަމައެކަނި ލައިސަންސް އާއި މުވައްޒަފުން ހޯދަނީ ކަމަށް ފާހަގަކުރައްވާފައެވެ.
މި ބަދަލާ އެކު ވެސް ގްރޮކް އަކީ މިނިވަން މުސްތަޤިއްލު ކުންފުންޏެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ކުންފުނީގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފައިނޭންސް ޗީފް ސައިމަން އެޑްވާޑްސް ސީއީއޯގެ މަޤާމަށް ވަޑައިގަންނަވާނެއެވެ. އަދި ގްރޮކްކްލައުޑްގެ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.
މިއީ 2019 ވަނަ އަހަރު އިޒްރޭލުގެ މެލަނޮކްސް ކުންފުނި ހަތް ބިލިއަން ޑޮލަރަށް ގަތުމަށް ފަހު އެންވީޑިއާ އިން ހިންގި އެންމެ ބޮޑު މާލީ މުޢާމަލާތެވެ.
އޭއައި ޗިޕްތަކަށް އޮތް ބޮޑު ޑިމާންޑާ އެކު އެންވީޑިއާގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކުންފުނީގެ އަތުގައި މިހާރު ވެސް ނަގުދު ފައިސާގެ ގޮތުގައި 60.6 ބިލިއަން ޑޮލަރު އެބަހުއްޓެވެ.


