މާފަރު އެއަރޕޯޓް ތަރައްޤީކުރަން 3.6 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫޢު 3.6 މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 55.5 މިލިއަން ރުފިޔާ) ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިކަން ހާމަކުރެއްވީ މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސްނީ މުބާރިކް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޙުސްނީ ވިދާޅުވި ގޮތުގައި، މާފަރު އެއަރޕޯޓްގެ “ޓަރމިނަލް އެކްސްޓެންޝަން ޕްރޮޖެކްޓް” ގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ޗައިނާގެ “ހުނާން ނަމްބަރ 6 އިންޖިނިއަރިންގ” (Hunan No.6 Engineering) އާއެކުއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅެއް ފުއްދެވުމުގެ ގޮތުން ފެށިގެންދިޔަ މުހިންމު މަސައްކަތެއްކަން ޙުސްނީ ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު މިދިޔަ ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި، އެ އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ޙުސްނީގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.
މި މަސައްކަތް ފެށުމަކީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކުރެވުނު ކަމެއްކަން ފާހަގަކުރައްވައި، މެންބަރު ޙުސްނީ ވަނީ ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަމަށް މުހިންމު ދައުރެއް އަދާކުރާ އެއަރޕޯޓެކެވެ. ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫޢު ނިމުމުން، އެއަރޕޯޓުން ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.


