ޚަބަރު

ޕާކިސްތާނާއި ޔޫއޭއީއާ ދެމެދު ވިސާ މާފުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕާކިސްތާނާއި ޔޫއޭއީއާ ދެމެދު ވިސާ މާފުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ އާބޫދާބީގައި ބޭއްވުނު ޕާކިސްތާނާއި ޔޫއޭއީގެ ޖޮއިންޓް މިނިސްޓީރިއަލް ކޮމިޝަން (JMC) ގެ 12 ވަނަ ބައްދަލުވުމަށްފަހުގައެވެ.

ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރު މީޑިއާތަކަށް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ތިން މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ ޑިޕްލޮމެޓިކް އަދި ރަސްމީ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާ މާފުކުރުމުގެ އެއްބަސްވުމާއި، އާޓިފިޝަލް އިންޓެލިޖެންސް (AI) އަދި ޑިޖިޓަލް އިކޮނޮމީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި، އަދި އިންވެސްޓްމަންޓް ކުރިއެރުވުމާ ބެހޭ އެއްބަސްވުމެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެފަރާތަށްވެސް ފައިދާކުރާނެ ކަމަށް ދާރް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިސްޙާޤް ދާރާއި ޔޫއޭއީގެ ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒައިދު އާލް ނަހްޔާންއެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ހަކަތައާއި، އުމްރާނީ ތަރައްޤީއާއި، އައިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ޔޫއޭއީއަކީ ޕާކިސްތާނުގެ މަސައްކަތްތެރިން އެންމެ ގިނައިން މަސައްކަތްކުރާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. 2024 ވަނަ އަހަރު 727,381 ޕާކިސްތާނުގެ ރައްޔިތުން ބޭރު ޤައުމުތަކުގައި މަސައްކަތްކުރާކަމަށް ބިއުރޯ އޮފް އެމިގްރޭޝަން އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް (BE&OE) އަދި އޯވަރސީސް އެމްޕްލޯއިމަންޓް ކޯޕަރޭޝަން (OEC) އިން ރަޖިސްޓްރީކޮށްފައިވެއެވެ.

މީގެ ތެރެއިން 64,130 (9 އިންސައްތަ) މީހުން މަސައްކަތްކުރަނީ ޔޫއޭއީގައެވެ. ޕާކިސްތާނުގެ މަސައްކަތްތެރިން އެންމެ ގިނައިން ހިޖުރަކުރާ އެހެން ޤައުމުތަކަކީ ސަޢޫދީ ޢަރަބިއްޔާ އާއި އޮމާނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close