ޚަބަރުނަރަވެލިރިޕޯޓް

ޤައުމަށްޓަކައި ޝަހީދުވާ އަބުޠާލުންގެ އަގުވަޒަންކުރާނީ ވަކި ކޮންބައެއް؟

ދީނުގެ ދިފާއުގައި، ވަތަނުގެ ދިފާއުގައި، ގައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވާ އަބްތަލުންނަކީ މުޖުތަމަޢުގެ އަގުހުރި ބައެކެވެ. އެބޭފުޅުންގެ ހިތްވަރާއި ގުރުބާނީ އަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ރައްކާތެރިކަމާއި މިނިވަންކަމުގެ އަސާސެވެ. މިފަދަ ބަޠަލުންގެ އަގުވަޒަންކުރާނީ އަޅުގަނޑުމެން ފިޔަވައި ވަކި ކޮންބައެއްތޯ ފުންކޮށް ވިސްނާލަން ޖެހެއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ނިޔާވި ހިތްވަރުގަދަ އަބުޠާލުންގެ އާއިލާތަކަށް އިނާޔަތް ދިނުމަށް ސަރުކާރުން ނިންމާފައިވާކަމީ ނުހަނު އިޙްލާސްތެރި ކަމެކެވެ. މިފަދަ ނިންމުމެއްގެ ސަބަބުން ހަގީގަތުގައި އަގުވަޒަން ކުރެވިގެން އެދަނީ އެފަދަ ހިތްވަރުގަދަ ގުރުބާނީތަކެވެ. އެފަރާތްތަކުން މި ގައުމުގެ ދިފާއުގައި މޭ އައްޑަނައަކަށް ހަދައިގެން ބާޣީންގެ އުންޑަތަކުން ފުރޭނިގެން ދިޔަ ދިއުމަށް ފައިސާގެ އިނާޔަތެއް ދީގެން އަގުނުކުރެވޭނެއެވެ. މިއީ އެ އާއިލާތަކަށް ދެވޭ ކުޑަ ރަމްޒެކެވެ. މިއީ މުޅި މުޖުތަމަޢުއަށް ދެވޭ މެސެޖެކެވެ. އެއީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ޤައުމަށްޓަކައި ކުރާ ގުރުބާނީއަކީ އަގުހުރި އަދި އެ ގުރުބާނީއެއްގެ އަގު ދިގުދެމިގެންދާ ގޮތެއްގައި ވަޒަންކުރާނެ ކަމުގެ ޔަގީން ކަމެކެވެ.

މިފަދަ އިނާޔަތްތަކުން މުޖުތަމަޢުއަށް ނުހަނު ރަނގަޅު ފައިދާތަކެއް ކުރެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެކަކު އަނެކަކަށް އޯގާތެރިވުމާއި އެހީތެރިވުމުގެ ރޫހު އުފެދިގެން ދެއެވެ. ޤައުމީ ސަލާމަތަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށް އައު ހިތްވަރެއް ލިބި އަޒުމް އާވެގެން ދެއެވެ. މީގެ އިތުރުން މިގައުމާ ތޮޅެން ވިސްނާ ކޮންމެ ޢަދާވާތްތެރި އަކަށް ނުސީދާ އިންޒާރެއް ކަމުގައި ވެގެން ދެއެވެ. މި ކުޑަ މުޖުތަމަޢުގައި ބަތަލުންނަށް އިޙްތިރާމްކުރާނެ ކަމާއި، އެބޭފުޅުންގެ ޢާއިލާތައް ދޫކޮށް ނުލާނެ ކަމުގެ މެސެޖް ގުގުމާލައެވެ.

ދައުލަތުގެ މާލިއްޔާތުން ހޭދަކޮށްގެން އެފަރާތްތަކަށް އިނާޔަތް ދިނުމާމެދު ބައެއް ފަރާތްތަކުން މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުން ދިޔަނަމަވެސް މިކަމުގެ މުހިންމު ކަމާއި މެދު ވާހަކަ ދައްކާފަރާތްތައްވެސް މަދެއްނޫނެވެ. މި ކުޑަކުޑަ ރަމްޒީ އިނާޔަތުން ދިވެހި ރާއްޖޭގެ ދިފާއުގެ އެންމެ އިސް ސަފަށް ނިކުންނަވާ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލު ދައްކަވާ ބޭފުޅުންގެ ހިތްވަރާއި ޢަޒުމަށް އަގެއް ނުކުރެވޭނެއެވެ. ޒަމާން ތަކަކަށް ފަހު ނަމަވެސް މިފަދަ އިނާޔަތެއް ތައާރަފްވެގެން ދިއުމުން އޭގެ ހެޔޮ ބަދަލު ކުރާނެ ކަން ގައިމެވެ.
ޙަޤީޤަތުގައި، ބަޠަލުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ގުރުބާނީއަށް ޝުކުރުވެރިވުމަކީ މުޅި މުޖުތަމަޢުގެ ވެސް ޒިންމާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close