ބޭރުދުނިޔެ

ފަލަސްތީނު މީހުން އެނބުރި އެމީހުންގެ ގެތަކަށް ދިއުން އިޒްރާއީލުން ހުއްޓުވައިފި

ފުރާނަ ސަލާމަތްކުރުމަށް އަމިއްލަ ވަޒަން ދޫކޮށް ދިޔަ ފަލަސްތީނު މީހުން އެނބުރި އެމީހުންގެ ގެތަކަށް ދިއުން އިޒްރާއީލުން ހުއްޓުވައިފިއެވެ.

އިޒްރާއީލުގެ މީޑިއާއިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، އިޒްރާއީލު ސިފައިންގެ ރޭވުމަކީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުން އެނބުރި އެމީހުންގެ ގެތަކަށް ދިއުން ހުއްޓުވުމެވެ.
އިޒްރާއީލުގެ ނޫހެއް ކަމުގައިވާ “ޔެދިއޯތް އަހަރޯނޯތް” އިން ބުނެފައިވަނީ އިޒްރާއީލު ސިފައިންގެ ފަރާތުން ޖަބާލިޔާ އަދި އޭގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ 70،000 މީހުންގެ ތެރެއިން 65،000 މީހުން މަޖުބޫރުން ޣައްޒާ ސިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މަދު އަދަދެއްގެ މީހުން ސްކޫލްތަކާއި ކްލިނިކްތައް ފަދަ ބޮޑެތި ޝެލްޓަރތަކުގައި ތިބިކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އެ ނޫހުން ބުނީ ޖަބާލިޔާ އަދި އޭގެ ވަށައިގެންވާ ރަށްތަކުގައި ދިރިއުޅޭ ދިހަ ހާހެއްހާ ފަލަސްތީނު މީހުންނަށް އެނބުރި އެމީހުންގެ ގެތަކަށް ދިއުމުގެ ހުއްދަ ދޭނެތޯ؟ ނުވަތަ އެމީހުން އެނބުރި ދިއުން ހުއްޓުވާނެތޯ؟” އިޒްރާއީލު ސިފައިނާ ސުވާލުކުރި ކަމަށެވެ. މި ސުވާލުގެ ޖަވާބުގައި އިޒްރާއީލްގެ ސިފައިންގެ އިސް އޮފިޝަލުން ބުނިކަމަށް އެ ނޫހުން ބުނެފައިވަނީ ގިނަ ގެތައް ވަނީ ހަލާކުވެފައި ކަމަށާ އެފުރުޞަތު ނުދޭނެކަމަށެވެ.

އިޒްރާއީލު ސިފައިންގެ އަންދާޒާގައި، ޖަބާލިޔާ، ބައިތް ލަހިޔާ އަދި ބައިތް ހަނޫން ފަދަ އުތުރުގެ ރަށްތަކުގައި މިހާރުވެސް 100 އެއްހާ ހަނގުރާމަވެރިން ތިބިކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މީގެ އިތުރުން، އިޒްރާއީލުން މިދިޔަ އަހަރު ޣައްޒާ ސިޓީގައި ދިރިއުޅޭ އެއް މިލިއަން ފަލަސްތީނު މީހުން އެނބުރި ދެކުނު ޣައްޒާއަށް ދިއުން ހުއްޓުވާފައިވާ ކަމަށް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

“އިޒްރާއީލު ސިފައިން، ސިޔާސީ ލީޑަރޝިޕްގެ ދަށުން، ޣައްޒާގެ އުތުރު ތިންބައިކުޅަ އެއްބައި ދޫކޮށްލާނީ ހަލާކުވެފައިވާ އަދި މީހުން ދިރިނޫޅޭ ސަރަހައްދެއްގެ ގޮތުގައެވެ،” އެ ނޫހުން އިތުރަށް ބުނެފައިވެއެވެ.
އިޒްރާއީލުގެ މި ނިންމުމަކީ ފަލަސްތީނު މީހުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމެއް ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ޣައްޒާގެ އުތުރުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުންނަށް އެމީހުންގެ ގެތަކަށް އެނބުރި ދިއުމުގެ ފުރުސަތު ގެއްލިގެން ދާނެ ކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close