ލަދުވެތިކަމާ އިއްފަތްތެރިކަމަކީ މަތިވެރި ދެ ސިފަ: ޚުޠުބާ

ލަދުވެތިކަމާ އިއްފަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ދެ ސިފަކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “ލަދުވެތިކަމާއި އިއްފަތްތެރިކަން” މިއެވެ.
ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަކީ ހުރިހައި ފުރިހަމަކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމުކަމަށާއި މަތިވެރި އަޚްލާގުގެ ހުރިހައި ސިފައަކަށް މިދީން މަގު ދައްކާކަމަށެވެ.
އެގޮތުން ލަދުވެތިކަމާ އިއްފަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ދެ ސިފަކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުން، ނުވަތަ އެހެން މީހުންނަށް ފާޅުކުރަން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުންކަމަށެވެ.
އަލްއިމާމުލް ނަވަވީ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ.
” އިލްމުވެރީން ވިދާޅުވާ ގޮތުގައި ލަދުވެތިކަމަކީ އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ އަދި ހައްގުގެ ވެރިޔާއަށް އޭނާ ހައްގު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫހު އުފައްދައިދޭ ކަމެކެވެ. މާތް ﷲ އެކަލޭގެފާނަށް ރަހުމަތްލެއްވި އަބުލްގާސިމުލްޖުނައިދުގެ ކިބައިން ރިވާވެގެންވާގޮތުގައި “ލަދުވެތިކަމަކީ ﷲގެ ނިއުމަތްތަކުގެ ބޮޑުކަމާއި ތިމާގެ ކިބާގައިވާ އުނިކަން (މީހަކަށް) ވަޒަންކުރެވުމެވެ. ފަހެ (އެ ހިނދު) އެ ދެމެދުން އުފެދިގެން އަންނަ ސިފަޔަކަށް (އެބަހީ: ﷲގެ ގިނަގުނަ ނިއުމަތްތަކަށް އެކަލާނގެ ހަޟްރަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި ނިއުމަތްތަކަށް ފުރަގަސްދީ ކުފުރުވެރިވެވިފައިވާކަމުގެ އިހުސާސްވެ އެކަމުގެ މައްޗަށް ތިމާ ހިތާމަވެރިވެ މޮޅިވުމަށް) ލަދުވެތިކަމޭ ކިޔައެވެ”
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ލަދުވެތިކަމުގެ މާތް ސިފައިގެ މުހިއްމުކަމުން ކީރިތި މާތް ނަބިއްޔާ ﷺ މި ސިފަ ގެންނަވާފައިވަނީ އީމާންކަމުގެ ތެރެއިންކަމަށެވެ. އަދި ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބާގައި ހުރެއްޖެނަމަ އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން އެމީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ މީހާ ފާޖިރިކަމާއި މާތް ﷲ ހަރާމްކުރައްވާފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ގާއިމްކޮށްފިކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެންމެހައި ނޭއްގާނީ އަމަލުތަކުން އެމީހަކު ދުރުވާނެކަމަށާއި އަދި އެފަދަ މީހަކަށް މަކާރިމުލް އަހްލާގުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެވޭނެކަމަށެވެ.
އިބްނުލްގައްޔިމް ރަހިމަހުﷲ ވިދާޅުވެފައިވެއެވެ.
“ލަދުވެތިކަމަކީ އިންސާނުންނަށް މާތް ﷲ ދެއްވި ހާއްސަ ސިފައެކެވެ. ފަހެ ލަދުވެތިކަން ނެތް މީހަކަށް އިންސާނީ ސިފަތަކުގެ ތެރެއިން އޭނާ ގައިގައި ޖަހައިފައިވާ މަހާއި ހަށިގަނޑުގައި ދައުރުވާ ލެޔާއި ބޭރުފުޅުގެ އިންސާނީ ސިފަ ފިޔަވައި އެހެން ކަމެއް ނުވެއެވެ. އަދި ލަދުވެތިކަން ނެތް މީހެއްގެ ކިބައިގައި އެއްވެސް ހެވެއް ނުވެއެވެ.”
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ލަދުވެތިކަން އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހާ އިއްފަތްތެރިކަން އިސްކުރާނެކަމަށާއި އޭނާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފުސުގެ އެދުންތައް މައިތިރިކުރާނެކަމަށެވެ. އަދި ޔޫސުފް އަލައިހިއްސަލާމްއަށް ކުރިމަތިކުރެވުނު އިމްތިހާނުން އެކަލޭގެފާނު ފާސްވެވަޑައިގަތީ އެކަލޭގެފާނުގެ ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ ސަބަބުންކަމަށްވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ
” “އަދި އެމީހާގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ހުންނާން ޖެހޭ ހުރުމަށް ބިރުވެތިވެ އެ މީހެއްގެ ނަފުސު އަމިއްލަ އެދުންތަކުން ދުރުކޮށްފި މިހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ.”
އަދި ހަމަ އެފަދައިން މަހްޝަރު ދުވަހު މާތް ﷲ ދެއްވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި އެކަލާނގެ އެމީހަކަށް ހިޔާވަހިކަން ދެއްވާނެ ހަތް މީހުންގެ ތެރޭގައި ދުނިޔެމަތީގައި އިއްފަތްތެރިކަން އިސްކުޅަމީހާ ހިމެނޭކަން ބަޔާންކުރައްވާއި ކީރިތި ރަސޫލުﷲ ﷺ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.
“ހަސަބާއި މަގާމުގެ ގޮތުންނާއި ރީތިކަމުގެ ގޮތުން އަރައި ހުރި އަންހެނަކު ފާހިޝްކަމަކަށް ގޮވައިލުމުން އަހުރެން ﷲއަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުހެލިވި މީހާއެވެ.”
މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ހެދުން އެޅުމާއި މުއާމަލާތްކުރުމާއި ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެންނަމުންދާކަމަށެވެ.
އަދި މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ހަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުކަމަށާއި އެކިއެކި ފާހިސް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެދަނީ ހިތުގައި ކުޑަވެސް ބިރުވެތިކަމެއް ނެތިކަމަށްވެސް ޚުތުބާގަިއ ބުނެފައިވެއެވެ.
މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.
“ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައަކީ އަމަލު ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ). ދުނިޔެ އާއި އާހިރަތުގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުއްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގޭތެވެ”

