22 އަހަރުގެ ޒުވާން އަންހެނަކު ގްރޫޕަކުން ރޭޕްކޮށްފި
އިންޑިއާގެ ބެންގަލޫރުގައި ކެރެލާ އަންހެނަކު، ސައިކަލު ޓެކްސީ ޑްރައިވަރަކާއި އޭނާގެ ރައްޓެއްސަކުވެގެން ރޭޕްކޮށްފިއެވެ.
މިދިޔަ ހަފުތާގެ ހުކުރު ދުވަހު ބެންގަލޫރުގައި އުމުރުން 22 އަހަރުގެ މި ޒުވާނާ ރޭޕްކޮށްފައިވާއިރު، އިންޑިއާގެ ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވަނީ އަންހެން މީހާގެ ޝަކުވާއަކާ ގުޅިގެން ކަމަށެވެ.
ކެރެލާއަށް ނިސްބަތްވާ މި އަންހެން މީހާ ސައިކަލު ޓެކްސީއެއް ބުކްކުރީ ހުކުރު ދުވަހުގެ ރޭ ދަންވަރު އޭނާގެ ރަހުމަތްތެރިޔާގެ ގެއަށެވެ.
ފުލުހުން ބުނީ ރައިޑް ޝެއާކުރާ އެޕްލިކޭޝަނެއްގައި ސައިކަލެއް ބުކްކުރިއިރު އަންހެން މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
ޑްރައިވަރު އަންހެން މީހާ ގޮވައިގެން މަންޒިލަށް ދިޔަ ނަމަވެސް ޑްރައިވަރު އޭނާ ގޮވައިގެން ގޮސް އޭނާގެ ރަހުމަތްތެރިއަކަށް ދައުވަތު ދީގެން ގެނެސް ދެ މީހުން ވެސް އޭނާ ރޭޕް ކުރި އެވެ.
ފުލުހުން ބުނީ ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ ރަހުމަތްތެރި އެހެން އަންހެނަކު އެހާދިސާގެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފައި ނުވާތީ އެ އަންހެން މީހާ ވެސް ކުށްވެރިންނަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖެހިގެން އައި ދުވަހު ސަލާމަތްވި އަންހެން މީހާ ހޭވެރިކަންވުމުން އަމިއްލަ ނަފްސަށް ވޭން ތަހައްމަލްކޮށް ކައިރީގައި ހުރި ހޮސްޕިޓަލަކަށް ދިޔައެވެ. ރޭޕްގެ މައުލޫމާތު ޑޮކްޓަރުން ވަނީ ފުލުހުންނަށް ދީފަ އެވެ.
ކޮމިޝަނަރު ޕްރަތާޕް ރެޑީ ވިދާޅުވީ ފުލުހުން ވަނީ ކުށް ކުރި ސަރަހައްދުގައި ފޮރެންސިކް ތަހުލީލެއް ހަދާފައި ކަމަށެވެ.
ސައިކަލް ޓެކްސީ އެޕްލިކޭޝަނުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އެޕްލިކޭޝަންގެ ވެރިން ހާޒިރުކުރާނެކަމަށާއި، އެކަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފެންނާތީ އެ ދެ މީހުންގެ ބެކްގްރައުންޑް ވެސް ފުލުހުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.


