ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމަށް ވިލާ އެޑިއުކޭޝަނަލް ސާވިސެސް ޕްރައިވެޓް ލިމިޓެޑާއި އެޗްޑީސީ އާއި ދެމެދު އެއްބަސްވުމެއްގަައި ސޮއިކޮށްފި އެވެ.
ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސުކޫލު ހުންނާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގަ އެވެ.
އެޗްޑީސީއިން މައުލޫމާތު ދެއްވި ގޮތުގައި މި ސުކޫލުގައި 6 ފުލޯ، އަދި 20 ކްލާސްރޫމް ހުންނާނެއެވެ. މިއީ ޖުމްލަ 761 ދަރިވަރުންގެ ޖާގައިގެ ސްކޫލެއްކަމަށާއި، މި ސުކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް އެކަކުން 12 ގެ ދަރިވަރުންނަށްކަމުގައި ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.
އަދި މިސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށާއި، ރޮބޮޓިކް ލެބްވެސް މި ސުކޫލުގައި ގާއިމްކުރެވިފައި ހުންނާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ، ވިލާ އެޑިއުކޭޝަންގެ ފަރާތުން ގާއިމްކުރާ މި ސުކޫލު ހުޅުމާލެގައި ގާއިމްކުރެވުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއްވެސް އާންމުންނަށް ލިބިގެންދާނެ ކަމަށާއި، އެގޮތުން، އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.


