ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތުގެ މުއްދަތު އިތުރުކޮށްފި
ސިފައިންގެ ވަޒީފާއަށް އެދި ވަނުމުގެ ފުރުސަތުގެ މުއްދަތު މިނިސްޓްރީ އޮފް ޑިފެންސުން އިތުރުކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން މިދިޔަ އޮގަސްޓް 28 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން (ނަންބަރު (IUL) 202/2022/1/1-PM-28 ) ގައި ވާގޮތުން ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 2022 ސެޕްޓެންބަރ 15 ވަނަ ދުވަހުގެ 14:00 އެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު 2022 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައި ވުމާއި، ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. އޭގެއިތުރުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅުގައި ފިރިހެނެއްނަމަ ފަސް ފޫޓް ފަސް އިންޗި، އަންހެންނަމަ ފަސް ފޫޓް ތިން އިންޗި ހުރި މީހެއް ކަމުގައި ވުމާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބަލާނެއެވެ. އަދި، އުމުރުފުރާ ބަލާނީ 2022 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ބުނެފައިވެއެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓު www.defence.gov.mv އަދި އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނީ [email protected] އަށެވެ.
އެމްއެންޑީއެފްގެ އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމުގައި ބަޔާންކުރެވިފައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.
ސިފައިންގެ ވަޒީފާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު، ފޯނު ނަމްބަރު 3322607، އެކްސްޓެންޝަން: 2141 އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބެން ހުންނާނެއެވެ.

