ރާނީގެ ޖަނާޒާއަށް ދައުވަތު އެރުވީ އަދި ދައުވަތު ނާރުވަނީ ކޮންފަރާތްތަކަކަށް؟
ހޯމަ ދުވަހު ބާއްވާ ރާނީގެ ޖަނާޒާއަކީ އިނގިރޭސިވިލާތުގައި ދިގު ޒަމާންތަކަށްފަހު ، ބާއްވާ ޝާހީ ފަރާތްތަކާއި ސިޔާސީ ބޭފުޅުންގެ އެންމެ ބޮޑު އެއް ރަސްމިއްޔާތު ކަމަށްވާނެ އެވެ.
ހަފްތާ ބަންދުގައި ދައުވަތު ކާޑުތައް ނެރުނުއިރު، 500 އެއްހާ ދައުލަތުގެ ވެރިންނާއި ބޭރުގެ އިއްޒަތްތެރިން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
ގިނަ ލީޑަރުންނަށް ޗާޓަރ ފްލައިޓްތަކުގައި ވަޑައިގަތުމަށް އަންގާފައިވާއިރު، ހުޅަނގު ލަންޑަންގެ ސައިޓަކުން ގިނަ ބަޔަކު ބަހުގައި އުފުލާނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.
ވެސްޓްމިންސްޓާ އެބީގައި ބާއްވާ މި ރަސްމިއްޔާތުގައި ގާތްގަނޑަކަށް 2،200 މީހުންނަށް ދައުވަތު އެރުވިފައިވެއެވެ.
މިހާގިނަ ފަރާތްތަކަކަށް ދައުވަތު އެރުވިފައިވާއިރު، މިދައުވަތުގައި ހިމެނިފައިވަނީ ކޮންކޮން ފަރާތްތަކެއްތޯ ނުވަތަ ނުހިމެނެނީ ކޮންކޮން ބޭފުޅުންނެއްތޯ މިއަދު ގިނަބަޔަކަށް އެނގެން ބޭނުންވާނެކަމީ ޝައްކެއްވެސް ހުރި ކަމެއްނޫނެވެ.
ބީބީސީއިން ރިޕޯޓްކޮށްފައިވާ މައުލޫމާތު ތައް ތިރީގައި އެވަނީއެވެ.
ޔޫރަޕްގެ ޝާހީ އާއިލާތަކަށް ދައުވަތު އެރުވިފައިވެއެވެ.

ޔޫރަޕްގެ އެކި ކަންކޮޅުތަކުން ޝާހީ އާއިލާތަކުގެ މެންބަރުން އަންނާނެ ކަމަށާއި އޭގެ ތެރެއިން ގިނައީ ރާނީގެ ލޭގެ ގުޅުންހިނގާ ގާތްތިމާގެ މީހުން ކަމަށް ބެލެވެ އެވެ.
ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް އާއި ރާނީ މަތީލްޑޭ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފައިވާއިރު، ނެދަލެންޑްސްގެ ރަސްގެފާނު ވިލެމް-އެލެގްޒެންޑަރ އާއި އަނބިކަނބަލުން ރާނީ މެކްސިމާ އާއި އޭނާގެ މަންމަ ޑަޗްގެ ކުރީގެ ރާނީ ޕްރިންސެސް ބިއަޓްރިކްސް ވެސް ބައިވެރިވެ ވަޑައިގަންނަވާނެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނޯވޭ، ސްވިޑެން، ޑެންމާކް އަދި ސްޕެއިންގެ ރަސްގެފާނު ފެލިޕޭ އާއި ރާނީ ލެޓިޒިއާ އާއި އަދި މޮނާކޯގެ ޝާހީ އާއިލާތަކުން ވެސް ވެސް ވަނީ ދައުވަތު ގަބޫލުކޮށްފަ އެވެ.
އެމެރިކާގެ ރައީސުންންނަށްވެސް ދައުވަތު އެރުވުނެވެ.

އެ ރަސްމިއްޔާތަށް ބަހުގައި ދަތުރު ނުކުރައްވާނެކަން އެނގިފައިވީނަމަވެސް، ފަސްޓް ލޭޑީ ޖިލް ބައިޑަންއާއެކު ރައީސް ޖޯ ބައިޑަން ބައިވެރިވެވަޑައިގަންނަވާނެކަން ވައިޓް ހައުސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ ވަފުދުގެ ބައެއްގެ ގޮތުގައި ރައީސް ބައިޑަންގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދައުވަތު ދެއްވާނެތޯ ގިނަ މަޝްވަރާތަކެއް ކުރެވިފައިވީ ނަމަވެސް ވަފުދުގެ ސައިޒުތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް ބަލާއިރު، ކުރީގެ ރައީސުންނަށް ބައިވެރިވެވޭނެ ގޮތެއް ނުވާނެއެވެ.
ކުރީގެ ބައެއް ރައީސުންނާއި ފަސްޓް ލޭޑީންނަށް ދައުވަތު އަރުވާނެކަމަށް ލަފާކުރެވޭއިރު، ޚާއްސަކޮށް އޮބާމާއަށް، ދައުވަތު ލިބިދާނެ ކަމުގެ ޝައްކުތައް ވަނީ އުފެދިފަ އެވެ.
1977 އިން 1981 އަށް ރައީސްކަން ކުރެއްވި ޖިމީ ކާޓާއަށް ދައުވަތެއް ލިބިފައި ނުވާ ކަމަށް އޭނާގެ އޮފީހުން ވަނީ އިއުލާންކޮށްފަ އެވެ.
ކޮމަންވެލްތުގެ ލީޑަރުންނަށްވެސް ދައުވަތު އެރުވިއެވެ.

ރާނީގެ މުޅި ވެރިކަމުގައި ވެރިއެއްގެ ގޮތުގައި ހުންނެވި ކޮމަންވެލްތުގެ އެކި ކަންކޮޅުތަކުން ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ދައުވަތު ގަބޫލުކުރައްވާފައިވާއިރު، ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ވަނީ ދައުވަތު ގަބޫލުކުރައްވާފަ އެވެ.
އޭގެ އިތުރުން ކޮމަންވެލްތުގައި ހިމެނޭ ޤައުމު ތަކުގެ ރަސްރަސްކަލުންނާއި، ވެރިންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ ގަވަރުނަރުންނާއި، ޖެނެރަލުން، އެބޭފުޅުންގެ ގައުމުތަކުގެ ލީޑަރުންނާއެކު ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝެއިޚް ހަސީނާ އާއި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ދައުވަތު ބަލައިގަތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ރައީސް ޑްރޫޕާދީ މުރްމޫ އެވެ.
ދުނިޔޭގެ އެހެން ބައެއް ލީޑަރުންނަށްވެސް ދައުވަތު އެރުވުނެވެ.

ދައުވަތު ބަލައިގަތް ކަމަށް ބުނާ ދުނިޔޭގެ އެހެން ލީޑަރުންގެ ތެރޭގައި އަޔަލޭންޑްގެ ޓައޯސެޗް މިކަލް މާޓިން އާއި ޖަރުމަނުގެ ރައީސް ފްރެންކް ވޯލްޓަރ ސްޓޭއިންމައިއާ އާއި އިޓަލީގެ ރައީސް ސާޖިއޯ މަޓަރެލާގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ފޮން ޑަރ ލޭއެން ހިމެނެ އެވެ.
އަދި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެލް އާއި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފަ އެވެ.
އަދި މި ރަސްމިއްޔާތުގައި ޖަޕާނުގެ އެމްޕަޔަރ ނާރޫހިޓޯ އާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންގެ އިތުރުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
މި ހަފްތާގައި ކަޒަކިސްތާނާއި އުޒްބެކިސްތާނަށް ކުރައްވާ ދަތުރުފުޅުތަކަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ޗައިނާއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށް ޗައިނާގެ ރައީސް ވިދާޅުވެފައިވާއިރު، ޝީ ޖިންޕިންއަށް ދައުވަތެއް ލިބިވަޑައިގަންނަވާނެ ކަމެއް ނުވަތަ ގަބޫލުކުރައްވާނެ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައުޟޫއަކަށް ވެފައިވާ އިސްލާމިކް ރިޕަބްލިކް އޮފް އީރާން ތަމްސީލުކުރާނީ ހަމައެކަނި ސަފީރުކަމުގެ ފެންވަރުގައި ކަމަށް ވައިޓްހޯލްގެ މަސްދަރުތަކުން ބުނެ އެވެ.
ދައުވަތެއް ނުދޭ ލީޑަރުން

ސީރިއާ، ވެނެޒުއެލާ އަދި އަފްޣާނިސްތާނުގެ މަންދޫބުންނަށް ދައުވަތު ދީފައިނުވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ މަސްދަރުތަކުން ބީބީސީގެ ޖޭމްސް ލަންޑާލްއަށް އަންގާފައިވެ އެވެ.
އެ ފަރާތްތަކަށް ދައުވަތު ނުދެނީ އިނގިރޭސިވިލާތުގެ ފުރިހަމަ ޑިޕްލޮމެޓިކް ގުޅުންތައް މި ގައުމުތަކާ ނުބާއްވާތީ ކަމަށް ބީބީސީއިން ބުނެއެވެ.
އަދި އުތުރު ކޮރެއާ (ޑީޕީއާރުކޭ) އާއި ނިކަރާގޫއާ އަށް ދައުވަތު ދީފައި ވަނީ ހަމައެކަނި ސަފީރުން ފޮނުވުމަށް ކަމަށާއި ގައުމުތަކުގެ ވެރިން ނޫން ކަމަށްވެއެވެ.
އަދި ރަޝިޔާ، ބެލަރޫސް އަދި މިޔަންމާގެ އެއްވެސް މީހަކަށް ދައުވަތު ދީފައެއް ނުވެއެވެ.
ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ފަހުން އިނގިރޭސިވިލާތާއި ރަޝިޔާއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ގާތްގަނޑަކަށް ކެނޑިފައިވާއިރު، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ތަރުޖަމާނަކު ވިދާޅުވީ ޖަނާޒާގައި ބައިވެރިވުމަށް ޕޫޓިން ނުވިސްނަވާ ކަމަށެވެ.
