ރާނީ އަވާހަރަވުމާއި ގުޅިގެން ކުރި ޓްވީޓެއްގެ ސަބަބުން ބީބީސީ ހޫނުފެނަށް!
އެފްރިކާއާ އެކު ރާނީ އެލިޒަބަތު ދެވަނަ ގެންގުޅުއްވި “ދިގު މުއްދަތުގެ ގުޅުން” ފާހަގަ ކުރުމަށް ކުރި ބީބީސީ އެފްރިކާ ނިއުސްގެ ރަސްމީ ޓްވިޓަރ ހޭންޑްލް އިން ކުރި ޓްވީޓެއްގެ ސަބަބުން ބީބީސީއަށް ޢާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޢާއްމުންގެ ގިނަބަޔަކު ވަނީ އެ ޕޯސްޓާމެދު ރުޅިވެރިކަން އުފެދި، އެ ޓްރިބިއުޓަކީ “އިސްތިއުމާރީ ރީބްރޭންޑިން” ކަމަށް ބުނެފަ އެވެ.
ބީބީސީގެ އެފްރިކާގެ ހޭންޑްލުން ބުރާސްފަތި ދުވަހު ކުރި ޓްވީޓގައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރަސްކަން ކުރައްވާފައިވާ ރާނީ އަވަހާރަވުމަކީ އެފްރިކާއަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމަށެވެ. އެ ޕޯސްޓުގައި އެފްރިކާގެ ރާނީ އެލިޒަބަތުގެ 70 އަހަރުގެ ވެރިކަމުގައި މުޅި އެފްރިކާގެ ލީޑަރުންނާ އޮތް ގުޅުން ފާހަގަކޮށް ހަތަރު މިނެޓާއި ބައިގެ ވީޑިއޯއެއް ވެސް ހިމަނާފައިވެއެވެ.
20 ވަނަ ގަރުނުގެ ފަހުކޮޅު ވެސް އެފްރިކާގެ މައްޗަށް އިނގިރޭސިވިލާތުން އަތްގަދަކޮށް ކުރިއަށްގެންދިޔަ ހަރުކަށި އަމަލުތައް ފޮރުވަން ބީބީސީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އެ ޕޯސްޓާ މެދު ހިތްހަމަނުޖެހި ރައްދު ދީފައިވެއެވެ. 1980 ވަނަ އަހަރު ޒިމްބާބުވޭ ވެގެން ދިޔައީ އެފްރިކާގެ އިނގިރޭސިވިލާތުން މިނިވަންކަން ލިބުނު އެންމެ ފަހު ގައުމަށެވެ.
ބީބީސީގެ މިޓްވީޓަށް ގިނަބަޔަކު ހޫނު ރައްދުތަކެއް ދީފައިވާއިރު، ބައެއް މީހުން އެ މަގާމު ދިފާއު ކުރަން މަސައްކަތް ކޮށްފައިވެއެވެ. އެކަކު ލިޔެފައި ވަނީ ވޭތުވެދިޔަ 70 އަހަރު ތެރޭގައި އިނގިރޭސިވިލާތުން ކުރި ހުރިހާ ކަމަކަށް ފާޑުކިޔުމުގެ ވަސީލަތެއްގެ ގޮތުގައި މިހާރު މީހުން ރާނީގެ މަރު ބޭނުން ކުރަމުންދާ ކަމަށެވެ.
އެ ނެގެޓިވް އައުޓްޕޯރ ކުރިއަށް ދިޔަ ވަރަކަށް ބީބީސީ އެފްރިކާގެ ސޯޝަލް މީޑިއާ ޓީމުން ވަނީ އިތުރު ކޮމެންޓް ކުރުން މަނާކޮށްފައެވެ. މިހާރު އެ ތެރެޑަށް ކޮންޓްރިބިއުޓް ކުރުމުގެ ހުއްދަ ދެނީ އެ ޗެނަލުން އަމިއްލައަށް ޓެގް ކޮށްފައިވާ މީހުންނަށް އެކަންޏެވެ.
އުމުރުން 96 އަހަރުގައި ސްކޮޓްލޭންޑްގެ ބަލްމޯރަލް ކަސްޓަލްގައި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.


