ޚަބަރު

ސަރުކާރުގެ އަމާޒަކީ ޖަލުގައި ތިބޭ ހުރިހާ ގައިދީންވެސް ރިހިބިލިޓޭޓް ކުރުން – އިމްރާން


މިހާރު ސަރުކާރުގެ އަމާޒަކީ ޖަލުގައި ތިބޭ ހުރިހާ ގައިދީންނަކީ ރިހިބިލިޓޭޓް ވާން ޖެހޭނެ ގައިދީން ކަމަށް ހެދުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިމްރާނަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކަންކަން ބެލެހެއްޓުމާއި ހަވާލުވެ ހުންނަވާ މިނިސްޓަރެވެ.

އިމްރާން ވިދާޅުވީ ޖަލަށް ދިޔުމަށްފަހު އަލުން އަނބުރާ މުޖުތަމައަށް އަންނަންޖެހޭނީ ރިހިބިލިޓޭޝަން ޕްރޮގުރާމްތަކުގައި ބައިވެރިވެ އިސްލާހީ ދަރުސެއް ލިބިގެންނެވެ. އެކަން ކަށަވަރު ކޮށްދިނުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއާއި މަސްއޫލިއްޔަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ވަނީ ބޮޑުތަނުން ރަނގަޅުކޮށް ފުރިހަމަ ކުރަން ޖެހިފައި ކަމަށެވެ. ސަރުކާރުން ކުރި އެންމެ މުހިއްމު މަސައްކަތަކީ ޖަލުތަކުގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ރަނގަޅު ކުރުމަށް ކުރި މަސައްކަތް ކަމަށް އިމްރާން ވިދާޅުވިއެވެ.

“އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިއީ ހަމަ ހަގީގަތެއް. އިމްރާން ޖަލަށް ލިޔަސް ރައީސް ޔާމިން ޖަލަށް ލެވުނަސް ރިހިބިލިޓޭޝަން ޕްރޮގުރާމްގައި ބައިވެރިވާންޖެހޭނެ. އެއީ އެކަން އޮތްގޮތް. އެކަން އަޅުގަނޑުމެން ކުރަންޖެހޭ ގޮތް، އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންޖެހޭތީ. ބައެއް ފަރާތްތަކުން ގޭންގު މާރާމާރީ، އަނެއް ފަރާތްތައް ގޭންގު ކުށްތައް، އަނެއްބައި ފަރާތްތައް ސިޔާސީ ކުށްތައް ނުވަތަ އެ ނޫން ކަމެއް.” އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ޔާމީން ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް އޭނާ ކުރިން ވިދާޅުވީ ސަމާސާއަކަށް ނަމަވެސް މިހާރު އެވާހަކަ ވިދާޅުވަނީ ސީރިއަސް ކޮށެވެ.

ބައެއް މީހުން ޖަލަށް ލަނީ ސިޔާސީ ކުށްތަކުގައި ކަމަށް އިމްރާން ވިދާޅުވިއިރު ރާއްޖޭގެ އެއްވެސް ގާނޫނެއްގައި “ސިޔާސީ ކުށްވެރިން” ތިބޭނެ ކަމަށް ބުނެފައެއް ނުވެއެވެ. އަދި ސިޔާސީ ކަމެއް ކޮށްގެން މީހަކު ކުށްވެރިވާނެ ކަމަކަށް ވެސް ގާނޫނެއްގައި ބުނެފައެއް ނޯވެއެވެ.

ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޝަންގައި ބައިވެރިވާން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވުމުން ރައީސް ޔާމީންގެ ސަޕޯޓަރުން އަންނަނީ އިމްރާންގެ ވާހަކަފުޅަކީ ރައީސް ޔާމީންގެ ޝަރީއަތައް ނުފޫޒު ފޯރުވައިގެން އެމަނިކުފާނު ޖަލަށް ލާން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމުގެ ހެއްކެއް ކަމަށް ބުނެ އިމްރާނަށް ފާޑުކިޔަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close