ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ދިރާގުން އެހީ ފޯރުކޮށްދެނީ
ދިވެހި ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރަޝިޕް އައު ކޮށް އިންސާނިއްޔަތަށްޓަކައި އެޖަމާޢަތުން ދޭ ހިދުމަތްތަކުގައި މިއަހަރުވެސް އެހީތެރިވުމަށް ދިރާގުން ނިންމައިފިއެވެ. މމިއެއްބަސްވުމުގެ ރަސްމިއްޔާތު ވެގެން ދިޔައީ ވޯލްޑް ހުމަނިޓޭރިއަން ޑޭ އަދިދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދެވުނު މުހިންމު އެއް ހަރަކާތަކަށެވެ. .ވެ. މިފަދަ މުނާސާބު ވަގުތެއްގައި ދިވެހި ރެޑް ކްރެސެންޓް އާއި ދިރާގު އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ފުޅާވެގެން ދިއުމަކީ، ދިވެހި ރެޑް ކްރެސެންޓް އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. އަދި މި ފުރުޞަތުގައި ދިރާގުން ވަނީ އިސްނަގައި، ދިވެހި ރެޑް ކްރެސެންޓް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތުގައި ބައިވެރިވުމަށްގެ ކޯޕަރޭޓް މެމްބަރ އަކަށްވެ، ދިވެހި ރެޑް ކްރެސެންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވުނު
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ
ޖެނެރަލް އަލްފާޟިލާ އައިޝަތު ނޫރާ ވިދާޅުވީ، ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ފުރަތަމަ
ކޯޕްރޭޓް މެމްބަރ އެވެ. އަދި މިމެމްބަރޝިޕްގެ ސަބަބުން، ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި
ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާކަމެވެ. މީގެ
އިތުރުން، ހަރުދަނާ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ދިރާގުން
އަބަދުވެސް ދެއްވާ އެއްބާރުލުމާއި އިސްނެންގެވުން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.
އަދި މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިސްމާއިލް
ރަޝީދު، ދިވެހި ރެޑް ކްރެސެންޓްގެ ޓީމަށާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވަވާ
މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ އަރިސް
ކުރެއްވިއެވެ. އަދި ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި މަސައްކަތަށް
އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ.
ދިރާގުން ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވިގޮތެއްގައި މުޖުތަމަޢުގައި ހިންގާ ހަރަކާތްތައް ހިންގުމަށް ދެ ފަރާތުން ގުޅިގެން ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ވަރަށް މުހިއްމު ބިންގަލެކެވެ. މި އެހީ ވެގެންދާނީ ކުއްލި ހާލަތްތަކުގައި އާއި ކާރިސާތަކުގައި ދިވެހި ރެޑް ކްރެސެންޓުން އިޖާބަދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު އެހީ އަކަށެވެ. މިމަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ ދުޅަހެޔޮކަމުގެ އެހީއާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ގޮފިތައް މިރޮނގުތަކުން ތަރައްޤީކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.
މި ހިނގާ އަހަރު ތެރޭގައިވެސް ދިވެހި ރެޑް ކްރެސެންޓް އިން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިނގާދިޔަ 11 އެއްހާ ކާރިސާއަކަށް އިޖާބަދީފައެވެ. މީގެ ތެރޭގައި ވާރޭ ވެހިގެން ފެންބޮޑުވުމާއި، އަލިފާނުގެ ހާދިސާތަކާއި، އަދި އެއާޕޯޓް އެކްސިޑެންޓެއްވެސް ހިމެނެއެވެ. މިކަންކަމުގެ އިތުރަށް، ރާއްޖޭގައި ބަލިތައް ފެތުރުން އިތުރުވާ ހިނދު، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް ސަރުކާރުގެ އެކި ވުޒާރާތަކާއެކު ދިވެހި ރެޑް ކްރެސެންޓް ހަރަކާތްތެރިވެއެވެ. މިގޮތުން ގާފު އަލިފު ވިލިންގިލި ޔުނިޓުން، ގާފު އަލިފު ދާންދޫގައި އިންފްލުއެންޒާ ފެތުރުން އިތުރުވުމާއި ގުޅިގެން، ވިލިންގިލިން ފަނަރަ ދަރުމަވެރިން ދާންދޫއަށް ދަތުރުކޮށް ވަނީ އެރަށުގެ ކަމާގުޅޭ މުއައްސަސާތަކާއި ބައްދަލުކޮށް، ރައްޔިތުންނަށް ހޭލުންރެތިކަން ފޯރުކޮށްދީފައެވެ. މިފަދަ ކަންކަމުގެ އިތުރުން، ކުއްލި ހާލަތްތަކާއި ކާރިސާތަކުގައި ނަފްސާނީގޮތުން ނޭދެވޭ އަސަރުކޮށްފައިވާ ފަރާތްތަކަށް، އެކަމުން އަރައިގަންނަން އެހީވުމަށް، ނަފްސާނީ ފުރަތަމަ އެހީވެސް ވަނީ ގިނަ ފަރާތްތަކަކަށް ދެވިފައެވެ. ކޮންމެ އަހަރަކުވެސް ދިވެހި ރެޑް ކްރެސެންޓުން އެތައް ސަތޭކަ ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިވެދެވެއެވެ.
ޤާނޫނު ނަންބަރު 7/2009 ގެ ދަށުން ދިވެހި ރެޑް ކްރެސެންޓް އުފެދިފައިވަނީ 16 އޮގަސްޓް 2009 ގައެވެ. ދިވެހި ރެޑް ކްރެސެންޓުގެ އަސާސީ މަޤުޞަދަކީ ހާލުގައިޖެހިފައިވާ ފަރާތްތަކާއި ނާޒުކު ނިކަމެތި ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުސްތަޤިއްލުކަމާއިއެކު މަސައްކަތްކޮށް، އެފަރާތްތައް އެފަދަ ހާލަތްތަކުން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމެވެ. އިންސާނިއްޔަތަށްޓަކައި ހިދުމަތް ފޯރުކޮށްދޭތާ 10 އަހަރު ވާއިރު، ރާއްޖޭގެ 20 ރަށެއްގައި 4000 އަށް ވުރެ ގިނަ ދަރުމަވެރިން، މެމްބަރުން އަދި މުވައްޒަފުންނާއެކު ދިވެހި ރެޑް ކްރެސެންޓުން މައިގަނޑު 5 ދާއިރާއަކުން ދަނީ ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.

