އޮށޯވެ އޮވެ ޤުރުއާން ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟
ސުވާލު:
އޮށޯވެ އޮވެ މުޞްޙަފުން ޤުރުއާން ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ޖަވާބު:
އޮށޯވެ އޮވެ މުޞްޙަފުން ޤުރުއާން ކިޔެވުމުގައި އެއްވެސް މައްސަލައެއް ނެތެވެ.
ނަބިއްޔާ صلى الله عليه وسلم، ޢާއިޝާ رضي الله عنها ގެ އުނގުފުޅުގައި އޮންނަވައި ޤުރުއާން ކިޔަވާ ވިދާޅުވާކަމުގައި ބުޚާރީ އަދި މުސްލިމުގައި ރިވާވެގެންވެއެވެ. [1]
ޞަޙީޙް މުސްލިމުގެ ޝަރަޙައިގައި އައްނަވަވީ ވިދާޅުވެފައިވެއެވެ.
“އޮށޯވެ އޮވެގެންނާއި އަދި ލެނގިގެން ތިބެ ޤުރުއާން ކިޔެވުން ހުއްދަ ކަމަށް އޭގެން އެނގިގެންދެއެވެ.”
އައްޝައިޚް ޞާލިޙުލް ފައުޒާން ވިދާޅުވެފައިވެއެވެ.
“އޮށޯވެ އޮންނަ މީހާ ބިންމަތީގައި ނުވަތަ އެނދެއްގައި އޮށޯވެ އޮވެ ޤުރުއާން ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ފަހެ އިންސާނާ ކޮޅަށް ހުރެ ޤުރުއާން ކިޔެވި ކަމުގައިވިޔަސް ނުވަތަ އިށީނދެ އިނދެ ޤުރުއާން ކިޔެވި ކަމުގައިވިޔަސް ނުވަތަ އޮށޯވެ އޮވެ ޤުރުއާން ކިޔެވި ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. އަދި ހިތުން ދަސްކޮށްފައިވާ ބައި މުޞްޙަފަކާއި ނުލައި ކިޔަވާނަމަ، ކުޑަ ޙަދަޘް ވެރިވެފައި ހުރެ ކިޔެވިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ.” [2]
ނޯޓު: ކުޑަ ޙަދަޘްވެރި ވުމަކީ ވުޟޫ ކުރުން ވާޖިބުވާ ކަމެއް މެދުވެރި ވުމެވެ.
والله أعلم
ނޯޓް: މިއީ ދިސަލައްފިއްޔާ.ނެޓް އިން ނަގާފައިވާ ލިޔުމެކެވެ.