ޑޮންބާސްގައި އެމެރިކާގެ ދެ ރައްޔިތަކު މަރުވެއްޖެ
ޔޫކްރެއިންއަށް ހަނގުރާމަ ކުރަމުން ދަނިކޮށް އެމެރިކާގެ ދެ ރައްޔިތަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އޭބީސީ ނިއުސްގައިވާ ގޮތުން އެމެރިކާ ދެ މީހުން މަރުވެފައިވަނީ އިރުމަތީ ޑޮންބާސް ސަރަހައްދުގައި ހަނގުރާމަ ކުރަމުން ދަނިކޮށެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވަނީ “ޔޫކްރެއިންގެ ޑޮންބާސް ސަރަހައްދުގައި އެމެރިކާގެ ދެ ރައްޔިތަކު ދާދި ފަހުން މަރުވިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އަދި އާއިލާތަކަށް ގުޅައި، ދެވެން އޮތް ހުރިހާ ކޮންސިއުލަރ އެހީތެރިކަމެއް ފޯރުކޮށްދެމުން މިދަނީ.” ބަޔާނުގައި ވެއެވެ.
މި ހަމަނުޖެހުންތަކާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްގައި ދިފާއީ ވުޒާރާ (އެމްއޯޑީ) އިން ވަނީ ޚަރްސަން ޕްރޮވިންސްގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
އެ ސަރަހައްދުގައި ހަނގުރާމަ ވަރުގަދަވެފައިވީ ނަމަވެސް، ރަޝިޔާގެ ސަޕްލައި ލައިންތައް ބަލިކަށިވަމުންދާ ކަމަށް އެމްއޯޑީއިން ބުނެއެވެ.
“ކޯރުގެ ހުޅަނގުން ރަޝިޔާ ސިފައިންގެ ސަޕްލައި ލައިންތައް ނުރައްކަލަށް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުން،” އިންޓެލިޖެންސް އަޕްޑޭޓެއްގައި އެ މިނިސްޓްރީން ބުންޏެވެ.
އަދި ޔޫކްރެއިންގެ އިތުރު ޙަމަލާތަކުގެ ސަބަބުން އެންޓޮނިވްސްކީ ބްރިޖަށް އިތުރު ގެއްލުންތަކެއް ލިބިފައިވާކަމަށާއި ނަމަވެސް ރަޝިޔާއިން ވަގުތީ މަރާމާތުތަކެއް ކޮށްފައިވާކަމަށް އެ ފަރާތުން ބުނެއެވެ.

