ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ކަރުނަ ގޭސް ޖެހުމަށް އިސްރާއީލުން ޑްރޯން ބޭނުންކުރަނީ
ފަލަސްތީނުގެ މީހުންގަޔަށް ކަރުނަ ގޭސް ޖެހުމަށް އިސްރާއީލު ސިފައިން ޑްރޯން ބޭނުންކުރަމުންދާކަމަށް ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހުވެސް ފަލަސްތީނުގެ 150000 އެއްހާ މީހުން އަޤްޞާ މިސްކިތުގައި ހުކުރުނަމާދު ކޮށްފައިވާއިރު، ހުކުރު ނަމާދަށްފަހު ވެސް އިޒްރޭލު ފުލުހުންނާއި ފަލަސްތީނުގެ ޒުވާނުންނާ ދެމެދު އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި ކުރިމަތިލުންތަކެއް ހިނގާފައި ވެ އެވެ.
ފަލަސްތީނުގެ ނޫސް އޭޖެންސީ ވަފާއިން ބުނެފައިވަނީ، ހުކުރު ނަމާދަށް ފަހު ހުޅަނގު އައްސޭރީގެ ނާބުލުސްގެ ދެކުނުން އިސްރާއީލު ފުލުހުންނާއި ފަލަސްތީނު މީހުންނާ ދެމެދު ކުރިމަތިލުންތަކެއްވެސް ހިނގި ކަމަށެވެ.
ފުލުހުން ރަބަރު ވަޒަނާއި ސްޓަން ގްރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.
މިދިޔަ ހަފްތާގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ވަނީ އަލް-އަޤްޞާ މިސްކިތަށް ވަދެ ގަނެ، ފަލަސްތީނުގެ 152 މީހުން ޒަޚަމްކޮށްލާފައެވެ.
ޖެރޫސަލަމްގައި ހުންނަ އަލް-އަޤްޞާ ކޮމްޕައުންޑްގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން، މިދިޔަ އަހަރު ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ހިނގި ހަނގުރާމަފަދަ ބޮޑު ކޯޅުންގަނޑެއް އަލުން އުފެދުމުގެ ބިރު އެބައޮތެވެ.

