ނަތަންޔާހޫ ކުޑަކަކޫ ޖަހަންދެން އަސްކަރީ ފިޔަވަޅުތައް އަޅަމުން ގެންދާނަން: އީރާން

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ “އެއްކޮށް ނިކަމެތިވެ” ކުޑަކަކޫ ޖަހަންދެން އިސްރާއީލާ ދެކޮޅަށް ރައްދު ހަމަލާތައް “ފުރިހަމަ ބާރުގައި” ކުރިއަށް ގެންދާނެ ކަމަށް އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލް ވަޢުދުވެވަޑައިގެންފިއެވެ.
އީރާނުގެ އަސްކަރިއްޔާއިން “އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3” ގެ 21 ވަނަ މަރުހަލާ ފެށުމާ ގުޅިގެން ހޯމަ ދުވަހު ވީޑިއޯ ބަޔާނެއް ދެއްވަމުން، އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސަވީ ވިދާޅުވީ، މި އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.
މޭޖަރ ޖެނެރަލް މޫސަވީ ވިދާޅުވީ އިސްރާއީލާއި އެމެރިކާއިން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވާނެ ކަމަށާއި، ދުޝްމަނުން ދޭ ގެއްލުމުގެ ބޮޑު މިނަކަށް ބެލުމެއް ނެތި އެކަން ކުރާނެ ކަމަށެވެ.
“މި ޖަރީމާގެ އަސްލަކީ، ލިބޭ ގެއްލުމުގެ މިންވަރަކަށް ބެލުމެއްނެތި، ޖަވާބެއް ނުދީ ދޫކޮށްލެވޭނެ ކަމެއް ނޫން،” އާދިއްތަ ދުވަހުގެ ފަތިހު އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާއިން ދިން ޢުދުވާނީ ހަމަލާއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ. އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުގައި ޚިލާފަށް ހިންގި ޢަމަލެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުކުތުމަކީ، ޒަޔަނިސްޓް ވެރިކަން، އަދި ހާއްސަކޮށް ނަތަންޔާހޫ ސަލާމަތް ކުރުމަށް ކުރާ މަސައްކަތެކެވެ. ނަތަންޔާހޫއަކީ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ “ނާކާމިޔާބުވަމުންދާ ވަކީލެއް” ކަމަށްވެސް މޫސަވީ ސިފަކުރެއްވިއެވެ.
“ނަތަންޔާހޫ ހަލާކުވަމުންދާ މަންޒަރު ފެނުމުން، ޓްރަމްޕް ނިންމީ މި ނުރައްކާތެރި ޢަމަލު ހިންގައި އޭނާއަށް އާޓިފިޝަލް ރެސްޕިރޭޝަން (ނޭވާ) ދިނުމަށް،” މޫސަވީ ވިދާޅުވިއެވެ.
ޓްރަމްޕްގެ ސީދާ އަމުރަށް، އެމެރިކާގެ ބޮންއަޅާ މަތިންދާބޯޓުތައް ވަނީ އާދިއްތަ ދުވަހުގެ ހެނދުނު އީރާނުގެ ތިން ނިއުކްލިއަރ ތަނަކަށް ހަމަލާދީފައެވެ. އެއީ އިސްފަހާން، ނަތާންޒް އަދި ފޯޑޯއެވެ. މި ހަމަލާތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މި ޢުދުވާން އައިސްފައިވަނީ، މިދިޔަ ހުކުރު ދުވަހު އިސްރާއީލުން ފެށި ޢުދުވާނާ ގުޅިގެންނެވެ. ޖަވާބުގައި އީރާނުގެ “ޓްރޫ ޕްރޮމިސް 3” އޮޕަރޭޝަންގެ ދަށުން، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލަށާއި އެ ޤައުމުގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އީރާނުގެ އޮފިޝަލުން ވަނީ އެމެރިކާގެ ޢުދުވާނަށް އަދަބު ނުދީ ދޫކޮށްނުލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

