ބަރުލަމާނީ ނިޒާމް ގެނައުމަށް މަޝްވަރާ ފެށުމަށް ގިނަ ޕާޓީތަކުން އެއްބަސްވާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ
ބަރުލަމާނީ ނިޒާމް ގެނައުމަށް މަޝްވަރާ ފެށުމަށް ގިނަ ޕާޓީތަކުން އެއްބަސްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގެ މަޝްވަރާ އަށް އަދާލަތު ޕާޓީން ތައްޔާރު ކަމަށާއި ނަމަވެސް މި ވަގުތު އެ ޕާޓީގެ އަމާޒު ހުރީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ވީހާ ވެސް ގިނަ ހިދުމަތްތަކެއް ދިނުމަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ “މިހާރު” ނޫހަށް ދެއްވި އިންޓަރވިއުއެއްގައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ މިރޭ އެމްޑީޕީ ޤައުމީ މަޖިލީހުގެ ވަޓޤސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބަރުލަމާނީ ނިޒާމެއް ގެނައުމާމެދު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމް ބަދަލުކުރުމަށް ހުރިހާ ޕާޓީތަކުން އެއްބަސްވާކަމަށްވެސް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންވެސް އެކަމާ މަޝްވަރާކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވެރިިކަމުގެ ނިޒާމް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމާވެސް މަޝްވަރާކުރައްވާފައެވެ.
ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިވަނީ، މިހާރު ކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރައްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތެއް ކަމުގައެވެ. އަދި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް ދެއްވާނީ އިތުރަށް ރައީސުލްޖުމޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ރައީސް ސާލިހުގެ މަޝްވަރާގެ މަތިންކަމަށް ނަޝީދު ވިދާޅުވި ނަމަވެސް މީގެ ކުރިން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމެއް ގައުމާމެެދު ވިސްނެވުމަށްވުރެ އެމަނިކުފާނު އިސްކަން ދެއްވަނީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ރައީސް ސާލިހު ވިދާޅުވެފައިވަނި، ބަރުލަމާނީ ނިޒާމަމަށް އަލުން ދިޔަޔަސް ދެވެން އޮންނާނީ ރައްޔިތުންގެ އާންމު ފެންނަ ނުފެންނަ ވޯޓަކުން އެގޮތައް ނިންމައި ހާލަތެއްގައި އެކަނި ކަމަށެވެ.
އަދި ރައީސް ނަޝީދުގެ ބަރުލަމާނީ މަސައްކަތްތަކާ ގުޅޭގޮތު މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނީ، ރައީސް ސާލިހު ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަމަށް ވަޑައޮގެންނެވުމަށް އެކުލަވާލެއްވި މެނިފެސްޓޯގައި ނިޒާމު ބަދަލުކުރާ ވާހަކަ ނެތްކަމަށާއި، އެހެންކަމުން، އެއީ މިސަރުކާރުގެ ސިޔާސަތު ނޫންކަމުގައެވެ.
ނަޝީދު އިސްވެ ހުންނަވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްކުމަށް މިހާރު ގެންދަވަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އަދި މިޕެޓިޝަނަށް ތާއީދު ހޯދުމަށް މިމަސައްކަތުގައި އުޅުއްވާ ފަރާރްތަކުން މިހާރުވަނީ ރާއްޖެތެރޭގެ ދަތުރުތައް ވެސް ފަށާާފައެވެ.

