އައްޑޫގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހަކަށް ވަރަށްބޮޑަށް އަނިޔާވެއްޖެ
އައްޑޫ ސިޓީގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިއްޔާވެއްޖެއެވެ.
އަނިޔާ ލިބިފައިވަނީ ޒުވާނަކަށާއި، ޢުމުރުން ދުވަސްވީ މީހަކަށްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެދެމީހުންވެސް މިހާރު މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.
މިދިޔަ މަހުގެ 25ވަނަ ދުވަހުގެރޭ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ބައިސްކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 20 އަހަރުގެ ޒުވާނާއަށް އައްޑޫ އިކޮޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިއްޔެ މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ދުވަސްވީ މީހަކީ ޢުމުރުން 76 އަހަރުގެ ދިވެއްސެކެވެ. މިމިހާގެ ފައިގެ ދެ ތަނަކުން ބިންދައިގެން ގޮސް ކަށިގަނޑު ބޭރަށް ނުކުމެ ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މި މީހާއަށްވެސް އިއްޔެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އުމުރުން 76 އަހަރުގެ މީހާ ގެއިން ނުކުމެ ބައިސްކަލަށް އަރައިގެން ނައްޓާލިތަނުން ބާރު ސްޕީޑްގައި އައި ސައިކަލް ޖެހިގެންކަމަށް އެނގިފައިވެއެވެ. މި ހާދިސާގައި ސައިކަލް ދުއްވަން ިއން 20 އަހަރުގެ ޒުވާނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަސަންސް ނޯންނަކަމަށް ފުލުހުން ވިދާޅުވެއެވެ.



