ޚަބަރު

އަންހެން ދަރިފުޅުގެ މަރުވެފައިވާ ހަށިގަނޑު މައިމީހާ 5 އަހަރު ވަންދެން ބަދިގޭގައި ބަހައްޓައިފި



ކުވައިތުގެ ސަލްމިޔާ ސަރަހައްދުގައި ހުންނަ އެމީހުންގެ ގޭގައި އަންހެން ދަރިފުޅުގެ މަރުވެފައިވާ ހަށިގަނޑު ފަސް އަހަރު ވަންދެން ބެހެއްޓި ކަމުގެ ތުހުމަތުގައި 60 އަހަރުގެ މަންމައަކު ހައްޔަރުކޮށްފި އެވެ.

އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ކުވައިތުގެ ފިރިހެނަކު ސަލްމިއާ ޕޮލިސް ސްޓޭޝަނަށް ވަދެ، އޭނާގެ މަންމަ ވަނީ 2016 ވަނަ އަހަރު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މަރާލައި، އާއިލީ އެޕާޓްމަންޓްގެ ބަދިގޭގައި ބެހެއްޓި ކަމަށް ބުނެ ޝަކުވާކޮށްފައެވެ.

އަރަބް ޓައިމްސް ނޫހުން ބުނީ ފުލުހުންގެ ޕެޓްރޯލް އެ ގެއަށް ދިޔަ ކަމަށާއި، ތަހުގީގަށް ފަހު، ބަންދުކޮށްފައިވާ ބަދިގޭގެ ތެރޭން އިންސާނެއްގެ ހަށިގަނޑުގެ ކަށިގަނޑު ( ސްކެލްޓަން ) ފެނުނު ކަމަށެވެ.
ކޯޓް އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓުގެ ބަދިގޭގައި އިންސާނެއްގެ ހަށިގަނޑުގެ ގުނަވަންތަކުގެ ބައެއް ކަށިތައްވެސް އެ މީހުންނަށް ފެނުނެވެ. އަލްޖަރީދާ ޑެއިލީ ނޫހުން ބުނީ މައްސަލަ ހުށަހެޅި ފަރާތުގެ މަންމަ އާއި ބޭބެ ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

މަރާލިކަމަށް ބެލެވޭ ކުއްޖާގެ ހަށިގަނޑު ފޮރެންސިކް ޑިޕާޓްމެންޓަށް ރިފަރ ކުރީ އަސްލު ސަބަބު ހޯދުމަށާއި، އޭނާ މަރުވާން ދިމާވި ހާލަތްތައް ހޯދުމަށެވެ.

ފުލުހުން ސުވާލު ކުރުމުން، މައިމީހާ ވަނީ އަންހެން ދަރިފުޅު ކޮޓަރީގައި ބަންދުކުރި ކަމަށް އިއުތިރާފުވި ނަމަވެސް އޭނާ މަރާލަން ގަސްތުނުކުރާ ކަމަށް ބުނެފައެވެ.
މައިމީހާ ކިޔައިދިން ގޮތުގައި އޭނާގެ އަންހެން ދަރިފުޅު ބަންދުކުރީ އޭނާގެ ޑިސިޕްލިން ގޯސްކަމުން ގެއިން ބޭރަށް ނުކުތުން ހުއްޓުވުމަށެވެ. އަދި އޭނާގެ ދަރިފުޅު މަރުވެފައި އޮއްވާ އެއްދުވަހަކު ފެނުނު ކަމަށާއި، އެކަން އެހެންބަޔަކަށް އެނގިގެން މަރުގެ ތުހުމަތު މަންމަގެ ބޮލުގައި އަޅުވަފާނެތީ ބިރުން އެއްވެސް މީހަކަށް އެކަން ހާމަނުކުރީ ކަމުގައިވެސް އެމީހާ ކިޔައިދިނެވެ.

މީގެ ފަސް އަހަރު ކުރިން އަނބިމީހާއާ ވަކިވި ބައްޕަގެ ބަޔާން ވެސް ޕްރޮސެކިއުޝަނުން ވަނީ ނަގާފައެވެ. ފިރިމީހާ ބުނީ ދަރިން ނާއިމެދު އަނބިމީހާ ގެ ފަރާތުން ލިބޭ އަނިޔާވެރިކަމަކީ އެދެމަފިރިން ވަކިވުމުގެ މައިގަނޑު ސަބަބު ކަމަށެވެ.

ޕަބްލިކް ޕްރޮސެކިއުޝަން އޮފީހުން ދަނީ ހެކި އެއްކުރަމުން ކަމަށާއި މަރާލާފައިވާ އަންހެން ދަރިފުޅުގެ އައިޑެންޓިޓީ އޮޅުން ފިލުވުމަށް އާއިލާގެ އެހެން މެމްބަރުންނާ ސުވާލުކުރަމުން ގެންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close