ޚަބަރު

އެއްމިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފި ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އަމާޒަށް މިއަދު ވާޞިލް ވެއްޖެއެވެ.

އެއް މިލިއަންވަނަ ފަތުރުވެރިއާގެ ގޮތުގައި ރާއްޖެއަށް އައިސްފައިވަނީ ފްރާންސަށް ނިސްބަތްވާ ވިންސެންޓް ވިކްޓޮރ ކޮރަންޓިން ޕިޓައުއެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި 20ވަނަ ފަހަރެވެ. ވިންސެންޓް ރާއްޖެއައިސްފައިވަނީ އޭނާގެ އަންހެނުންނާއެކުގައެވެ.

އެދެމަފިރިންނަށް މަރުޙަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ރާއްޖޭގެ އާދަކާދައާއި ޘަޤާފަތާގުޅޭ ބޮޑުބެރުގެ ހުށައެޅުމެއް ގެނެސްދީފައެވެ.

އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން އިންވަނީ ބައިވެރިވެފައެވެ. އަދި މިއިދާރާތަކުންވަނީ ވިންސެންޓްގެ ދެމަފިރިންނަށް ޚާއްސަ ހަދިޔާތަކެއް އަރުވާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިނަމަވެސް ރާއްޖެއަށް ފަތުރުވެރިން އައުމުގައި ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެންމެ ބޮޑު ސަބަބަކީ ގިނަ ޤައުމުތަކެއް ކޯވިޑްގެ ސަބަބުން ފުރަބަންދުގެ ޙާލަތުގައި އޮތުމެވެ.

އެހެންނަމަވެސް މިޙާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީގެ އިތުރުން އިމިގްރޭޝނުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މުޅި ދުނިޔޭގެ އިޤްތިޞާދުވެސް ހީނަރުވެފައިވާ މިދަނޑިވަޅުގައި މިއަހަރު ރާއްޖެއަށް އެންމެ މަދުވެގެން އެއް މިލިއަން ފަތުރުވެރިން ގެނައުމަށް މިއިދާރާތަކުންވަނީ އަމާޒު ހިފާފައެވެ. މިއަމާޒަށް މިއަދު މިވަނީ ވާޞިލްވެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close