“ހަރުކަށި ފިކުރު” މީ ހިންގާ ޕްރޮޕެގެންޑާ އެއް – ސަލަފުގެ ރައީސް
“ހަރުކަށި ފިކުރު” މީ ރާއްޖޭގައި ބަޔަކު ރާވައިގެން ހިންގާ ޕްރޮޕެގެންޑާއެއް ކަމަށް ސަލަފުގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިރޭ ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ކުލަބް ހައުސްގައި ކުރިޔަށް ގެންދިޔަ ” ބޮޑުއަށި” މި ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ، “ހަރުކަށި ފިކުރު” މީ ރާއްޖޭގައި ބަޔަކު ރާވައިގެން ހިންގާ ޕްރޮޕެގެންޑާއެއްކަމަށާއި އޭގައި އެއްވެސް އަސްލެއް އަދި އަސާސެއްވެސް ނެތްކަމަށެވެ.
ހަރުކަށި ފިކުރު ކަމަށް އެމީހުންނަށް ވިސްނިގެން އެ އުޅެނީ ދީނުގައި ކަންކަން އޮންނަގޮތް އެފަދަ މީހުންނަށް ނޭންގޭތީ ކަމަށާއި ހަރުކަށި ފިކުރުގެ ޓެގް މިހާރުވެސް އަޅުވަމުން އެދަނީ ދީނީ ޢިލްމުވެރިންނާއި ދީނަށް ޚިދުމަތް ކުރަމުންދާ ފަރާތްތަކާއި އަދި އިސްލާމް މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ބޮލުގައި އެފަދަ މީހުންނާއިމެދު ޢާންމުންގެ މެދުގައި ނަފްރަތު އުފައްދާ ތަން ފަސާދަކުރުމުގެ ބޭނުމުގައި ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
މިއީ ވަކިބަޔަކު ބޭނުންވާ ކަންކަން ޙާޞިލުކުރުމަށާއި އެމީހުން ބަޔަކު މީހުންގެ ރުހުން ހޯދުމަށާއި އެމީހުން ބޭނުންވާގޮތް ތަންފީޒު ކުރުމަށާއި އެމީހުންނަށް ބައެއްގެ އެހީތެރިކަން ބޭނުންވެފައިވާކަން ހާމަކުރުމުގެ ގޮތުން ގެންގުޅޭ ފަލްސަފާއެއްކަމަށްވެސް ޝައިޚްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.
މިހާރުވެސް ސްކޫލުގެ ދަރިވަރުން ހަރުކަށި ފިކުރާ ދުރުކުރުމަށް ޕްރޮޖެކްޓެއް ހިންގުމަށް ބަޔަކާއި ހަވާލުކޮށްފިކަމަށާއި ސްކޫލު ދަރިވަރުންގެ ކިބައިގައި ހަރުކަށި ފިކުރު ހުރި މިންވަރު ދެނެގަތުމަށް ހެދުނު ދިރާސާއެއް ނެތްކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.