ވެކްސިން ފުރިހަމަ ނުކުރާ މީހުން ކަރަންޓީނުވުމަށްފަހު ނަގާ ސާމްޕަލްތަކަށް ފައިސާ ނަގަނީ
ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު މުއްދަތު ހަމަވުމަށްފަހު ނަގާ ސުންކުތަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފިއެވެ.
މިހާރު ކުރިޔަށްދާ އެޗް.އީ.އޯ.ސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަންވަނީ އިޢުލާނުކޮށްފައެވެ.
މިގޮތަށް އަމަލު ކުރަން ފަށާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެންކަމަށް ހާމަކުރެއްވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަގީފު ވިދާޅުވީ، ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ފަރާތްތައް ރަށްރަށަށް ގޮސް ކަރަންޓީންވުމަށްފަހު، ނުކުތުމަށް ނަގާ ސުންކު ނެގުމަށް ފައިސާ ދައްކަން ޖެހޭ ގޮތަށް އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
” ވެކްސިން ނުޖަހާ ބަލި އުޅޭ ރަށަކުން ދަތުރު ކުރާ ފަރާތްތައް އެބަ ޖެހޭ ކަރަންޓީންވާން، މިހާރު މި އޮތް އުސޫލުން، ކުރިއަށް އޮތްތަނުގައިވެސް ކަރަންޓީންވާން ޖެހޭނެ، އެހެން ނަމަވެސް ކަރަންޓީންވެފައި މި ނަގާ ރިލީސް ސުންކު އެކެއް ސެޕްޓެމްބަރުން ފެށިގެން މި ވެކްސިން ނުޖަހާ ފަރާތްތަކުން ދަތުރުކޮށްފައި، މި ނަގާ ސުންކުތަކަށް އަމިއްލަ ހަރަދުގައި ނަގަން ޖެހޭ ގޮތަށް މި ވަނީ ހަމަޖެހިފައި”. ޑރ. ނަޒްލާ ވިދާޅުވިއެވެ.
