ޚަބަރު

އެމްޑީޕީ ބައިބައެއް ނުވާނެ، ޕާޓީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި – ރައީސް ނަޝީދު

އެމްޕީޑީ ބައިބައި ނުވާނެކަމަށާއި، ޕާޓީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމުގައި އެމްޑީޕީގެ ރައީސް ، އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ބޮމުގެ ހަމަލާއަށްފަހު މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، އިންޑިއާގެ މީޑިއާއަކާއި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގެ ދެފެކްޝަނަކަށް ބެހި ބައިބައިވެދާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވިކަމަށް ބައެއް ނޫސްތަކުގައި ވަނީ ރައީސް ސޯލިހާއި، ރައީސް ނަޝީދާއި ދެމެދު މާބޮޑު މައްސަލަ ތަކެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށެވެ. އަދި އެމްޑީޕީ ދުވަހަކުވެސް ބައިބައިނުވާނެކަމަށެވެ.

ނަޝީދު އެހެން ވިދާޅުވިނަމަވެސް އެ އިންޓަވިއުގައި ރައީސް ސޯލިހަށް ނަޝީދުވަނީ ، ހަރުކަށި ފިކުރަށް ދީލައިނުލައި، މެދުމިނުގެ ފިކުރަށް ތާއީދުކުރުމަށް ގޮވާލައްވައިފިއެވެ.

މިއިންޓަވިއުގައި ރައީސް ސާލިހާއި ރައީސް ނަޝީދުގެ ގުޅުމާއި ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހާއި އެމަނިކުފާނު ގަބޫލުކުރާ ގަބޫލުކުރުން ތަކުގައި ވަރަށް ބޮޑު ތަފާތުތަކެއް މިހާރު އެބަހުރިކަމަށެވެ. އަދި ރައީސް ސާލިހު އެނބުރި ހެޔޮމަގަށް އަންނަންޖެހޭކަމަށާއި، އެއީ އިސްލާމްދީނުގެ މެދުމިނުގެ ފިކުރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި ، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ރައްޔިތުންގެ އަޑު ސަރުކާރުން ނާހާ، ތާއީދު ނެތް ބަޔަކު ރުއްސަން އުޅުމުން ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތްކުރަމުންދާ ގޮތްތައް ބަދަލުކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްވި މި އިންޓަވިއުގައި އަދިވެސް ސިޔާސި މަސައްކަތުގައި ދެމިހުންނެވިކަމަށާއި، ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ޗައިނާގެ ދަރަންޏާއި ގުޅޭގޮތުން ދައްކާ ވާހަކަތަކާއި، ހަރުކަށި ފިކުރާއި ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތައް ތަކުރާރު ކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close