ދުނިޔޭގެ ޗެމްޕިއަން ބަލިކޮށް ސުވިޒަލެންޑް ކުއާޓާއަށް
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ޕެނަލްޓީ ޖަހައިގެން ބަލިކޮށް ސްވިޒަލެންޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭކުޅެވުނު މިފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތުގައި 3-3 އިން އެއްވަރުވުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅެ ވެސް ނަތީޖާ ނުނެރެވުމުން ޖެހި ޕެނަލްޓީ ޝޫޓް އައުޓް ސްވިޒަލެންޑުން ކާމިޔާބު ކުރީ 5-4 އިންނެވެ. ޕެނަލްޓީ ޖެހުމުގައި ފްރާންސަށް ނާކާމިޔާބުވީ އެޓީމުގެ ޒުވާން ތަރި ކިލިޔަން އެމްބާޕޭ ޖެހި ޕެނަލްޓީ އެވެ. އޭނާ ޖެހި ޕެނަލްޓީވަނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ސްވިޒަލެންޑްގެ ކީޕަރ ސޭވްކޮށްފައެވެ.
ރޭގެ މެޗުގައި ސުވިޒަލެންޑްގެ ލަނޑުތައް ޖަހާދީފައި ވަނީ ހާރިސް ސެފެރޮވިޗް 2 ލަނޑާއި އަދި މާރިއޯ ގަވްރަނޯވިޗް 1 ލަނޑެވެ. ފުރާންސްގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ކަރީމް ބެންޒެމާ 2 ލަނޑާއި އަދި ޕޯލް ޕޮގްބާ 1 ލަނޑެވެ.
ރޭގެ މިނަތީޖާއާއި އެކު މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އައި ދެ ޗެމްޕިއަން (އެންމެފަހުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗްގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް) މުބާރާތައް އަލްވަދާޢު ކިޔަން ޖެހުނީއެވެ.
ކުއާޓާ ފައިނަލުގައި، ސްވިޒަލެންޑް ނުކުންނާނީ ރޭ ކުޅެވުނު ނޮކްއައުޓް ބުރުގެ އަނެއްމެޗުގައި ކްރޮއޭޝިއާގެ މައްޗަށް މޮޅު ކުޅުމަކާއިއެކު 3-5 ލަނޑުގެ ކާމިޔާބު ހޯދި ސްޕެއިންއާ ދެކޮޅަށެވެ.


